ސަރުކާރު މަސްކުންފުނި، މިފްކޯއަށް މަސް ވިއްކާ އޮޑިފަހަރަށް، 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މި ހިނގާ ޖޫން މަހާ ހަމައަށް 1.1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މަސްވެރިން ބާނާ މަހަށް 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދެއްކުމަކީ ރައީސުލްޖުމްހޫރިއްޔާ މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކުގެތެރޭގައި ހިމެނޭ ވަރަށް މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު ސަރުކާރު ހަވާލުވީއިރު ވަރަށް ބޮޑު ބެކްލޮގްއެއް އޮތްކަމަށާއި، ރައީސުލްޖުމްހޫެރިއްޔާ އެންމެ އިސްކަމެއް ދެއްވީ އެ ބެކްލޮގް ޚަލާސްކުރެއްވުމަށް ކަމަށެވެ. އަދި އެބެކްލޮގް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޚަލާސްކުރައްވައި، މަސްވެރިންނަށް 48 ގަޑީއިރު ފައިސާ ދޭން ފެށިފަހުން މިހާތަނަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.











