އއ. ތޮއްޑޫގެ ދެކުނު ފަރާތުގައި ފާލަން ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތޮއްޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާގެެތެރޭގައެވެ.
ފާލަން ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް(ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބެވެ.
މި މަޝްރޫޢުގެ ދަށުން، ތޮއްޑޫގެ ދެކުނު ފަރާތުގައި 430 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ ޖެޓީއެއް އަޅައި، ޖެޓީގެ ފަޅު ފުންކޮށް، 70 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
540 ދުވަހުގެ ތެރޭގައި ނިންމަން ޝަރުޠުކޮށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 52މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.