މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން އައްޑޫ ސިޓީގައި އެކުންފުނީގެ މަސްފިހާރައެއް ހުޅުވިގެންދިއުމާއެކު އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައިން މިފްކޯއިން ގާއިމުކުރި މަސްފިހާރަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަނަސް ވިދާޅުވީ އައްޑޫ ސިޓީއަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތާއި އަދި މިފްކޯއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެ ސަރަޙައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ މި ފިހާރައާއެކު، ހުޅުމީދޫގައި މިފްކޯއިން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް، ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސީއީއޯ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާއި މިފްކޯގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަހައްޓަވާ އަހަންމިއްޔަތާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން ހުޅުވި މަސްފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ގާއިމުކުރި ފުރަތަމަ މަސްފިހާރައެވެ. އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށްވާގޮތަށް ގާއިމުކުރި މި ފިހާރަ ހުޅުވުމަށްފަހު ރެއިން ފެށިގެން އެތަނުން މިފްކޯގެ އުފެއްދުންތައް ވިއްކަންވަނީ ފަށާފައެވެ.