ދިވެހިރާއްޖެއާއި ސްރީލަންކާ ހިއްސާކުރާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް، ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ދެގައުމުގެ ދެމެދު މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވަނީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެގެ އަރިހަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ކުރެއްވި، އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ ދިފާޢީ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ. އަދި، މި ސަރަޙައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެގައުމުން މިހާރު ތަންފީޒްކުރަމުން އަންނަ އޮނިގަނޑުތައް ހަރުދަނާކުރުމަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ދިފާއީ ވަޒީރުގެ އަރިހުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) ގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކެ މިހާރު ރާއްޖެއަށް ކުރައްވަމުންދެންދަވާ ފުރަމާނަ ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކުގައި، ގާނޫނާ ގަވާއިދާ ޚިލާފަށް ބެލެެހެއްޓުމެއްނެތި، އަދި ރިޕޯޓްކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުން ފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ސްރީލަންކާއާއި ދިވެހިރާއްޖެ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެބޭފުޅުން ވަނީ ދެއްވާފައެވެ. އަދި، ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަތައް ކުރިއެރުވުމަށް މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކުރާއްވާފައި ވެއެވެ. މީގެ އިތުރުން، މޫސުމީ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި، އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮންނަ އެއްބާރުލުމާއި އެހީތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާ ކުރައްވާފައިވެއެވެ.