ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ، ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަންނަ ބުރާސްފަތި ދުވަހާ ހަމަޔަށް މުޅި ރާއްޖެއަށް މޫސުން އިތުރަށް ގޯސްވެ،އަދި ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީއެވެ.
ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެމްއެންޑީއެފުން ރޭ އާންމުކުރި މެސެޖުގައި ބުނެފައިވަނީ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދޭކަމަށެވެ.
ކަނޑުދަތުރުކުރާ އުޅަނދުގެ ސަމާލުކަމަށް އެދި އެމްއެންޑީއެފުން ބުނެފައިވަނީ، ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކޮށް، މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ އިތުރަށް ބަރު ނުކުރެއްވުމަށާއި، ދޯނީގައި ލައިސަން ބެހެއްޓުމަށް ވެސް އިލްތިމާސްކުރާކަމަށެވެ. އަދި، ރޭގަނޑު ދަތުރުކުރާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވެއެވެ.
އެމްްއެންޑިއެފްގެ މެސެޖުގައި، ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދިނުމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކޮށްފައި ވެއެވެ.