ފޯޅަވަހީގެ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅު އަނބުރާ ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
މިކަން އިއުލާންކުރެއްވީ އެމަނިކުފާނު މިއަދު އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. ރައީސް މި ފަދައިން ނިންމަވާފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާދަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ދެއްވުމާއި ގުޅިގެންނެވެ.
“ ދިވެހިރާއްޖެއިން އެސިޓީ އަނބުރާ ގެނައުމަށް ނިންމިކަން މި ފަޚްރުވެރި ދިވެހި ދައުލަތާއި ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ތިޔަ ޢިއްޒަތްތެރި މަޖިލިސް މެންބަރުންގެ ކުރިފުޅުމަތީގައި މި ވަގުތު އަޅުގަނޑު އިޢުލާނުކުރަން.“ ސިޓީ އަނބުރާ ގެންނަން ނިންމެވިކަން އިއުލާންކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ފާއިތުވި ސަރުކާރުގެ ދުވަސްވަރު، ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ފޯޅަވައްސާ ފުށުއަރާކަމަށްބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ ދިވެހި ރާއްޖޭގެ އީ.އީ.ޒެޑް ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ވަނީ ދޫކޮށްލާފައިވާތީ، އެ ނިންމުން ދިރާސާކޮށް، ދިވެހިރާއްޖޭގެ ކަނޑުން ދޫކޮށްލި ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމަށް 19 ނޮވެންބަރު 2023ގައި ބަންޑާރަނައިބަށް އެންގެވުމުން، އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި ތިން މެމްބަރުންގެ ވިލަރެސް ކޮމިޓީއެއް ބަންޑާރަނައިބު އެކުލަވާލެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ، މި މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤުވާމީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް މި ކޮމިޓީއިން ތައްޔާރުކުރި ރިޕޯޓްތައް ބަންޑާރަނައިބު ވަނީ 22 ޖަނަވަރީ 2026 ގައި އެމަނިކުފާނަށް ހުށަހެޅުއްވުމާއެކު، އެރިޕޯޓްތަކުގައި ވިލަރެސް ކޮމިޓީއިން ފާހަގަކުރެއްވި ކަންތައްތަކާއި، އެ ކޮމިޓީއިން ހުށަހެޅުއްވި ކަންކަން ހިމެނޭގޮތުން ކެބިނެޓް ކަރުދާހެއް އެކުލަވާލައްވައި، 25 ޖަނަވަރީ 2026 ގައި އޮތް ވަޒީރުންގެ މަޖިލީހަށް ބަންޑާރަނައިބު ހުށަހެޅުއްވި ކަމަށެވެ. އަދި، ،މި މައްސަލަ ދިރާސާ ކުރެއްވުމަށް ފަހު ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓާ ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، މި ނިންމުންތައް ތަންފީޒު ކުރުމަށް ސަރުކާރުން ފަށާފައިވާކަމަށެވެ. އަދި، މި މައްސަލާގައި ޢައްޔަންކުރައްވާފައިވާ ޤާނޫނީ މާހިރުން ދެއްވާފައިވާ ލަފައާ އެއްގޮތަށް، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމަށް ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަން މިހާރު ކުރަން ފަށްޓަވާފައިވާކަމަށެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމަވައި އެކަން އިއުލާނުކުރައްވާފައެވެ. ރައީސް ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިޞްލާޙަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުއްވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާނެ އޮފީހެއް ގާއިމުކުރުމަށް މާހިރުންގެ ފަރާތުން ލަފާދެއްވާފައިވާކަމަށެވެ. އެހެންކަމުން މި ކަމުގައި ސަރުކާރުގެ ވަކި ޚާއްޞަ އިދާރާއެއް ޤާއިމުކުރުން މުހިންމުކަމަށް ފެންނާތީ، ”ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް“ ގެ ނަމުގައި އޮފީހެއް ޤާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސްވަނީ، ކަނޑުން ބައެއް ގެއްލުނު މައްސަލައާ ގުޅޭ ގޮތުން ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ”ކޮމިޝަން އޮފް އެންކުއަރީ“ އެއް އުފެއްދުމަށް ނިންމަވާފައިވާކަންވެސް އިއުލާނުކުރައްވާފައެވެ.