ޅ.ނައިފަރުގައި ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސްލިޕްވޭ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ.ނައިފަރަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެެވެ.
ނައިފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ސްލިޕްވޭ ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ. ސްލިޕްވޭ ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. އަދި ތްރީވޭ އެންޓަޕްރައިޒަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން އިބްރާހީމެވެ.
ނައިފަރުގައި ގާއިމްކުރާ ސްލިޕްވޭގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމަވާ ދެއްވާނެ ކަމަށް ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސްލިޕްވޭ ގާއިމްވެގެން ދިއުމުން މި ސަރަހައްދުގެ ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ނައިފަރުގައި ތަރައްގީކުރަން ހަމަޖެހިފައިވާ 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީގެ ބިންގާވެސް އިއްޔެވަނީ އަޅާފައެވެ. ބިންގާ އެޅުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސު؛ލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މިފްކޯއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި އައިސްޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.