ރ. ހުޅުދުއްފާރުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވަން ނިންމައި، އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
މިކަން ހާމަކޮށް އެރަށު ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ރަށުގެ މުއައްސަސާތަކާއި، އާންމު ފަރުދުންނަށް ހުޅުވާލައިގެން ކުލަގަދަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން، މިދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަމަހުގެ 17 ވާ ހުކުރުދުވަހު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
މިއަހަރުގެ މައުރަޒުގައިވެސް އެންމެ ރީތި ސްޓޯލް، އެންމެ ވިޔަފާރި ރަނގަޅު ސްޓޯލް އަދި އެންމެ ގިނަ އައިޓަމް ހިމެނޭ ސްޓޯލް ހޮވިގެން ދާއިރު، ވަނަތައް ހޮވަން ނިންމާފައިވަނީ މުއައްސަސާތަކާއި އާންމުންގެ ބައި ވަކިންކަމަށް ކައުންސިލުން ބުނެފައިވެއެވެ.މި މައުރަޒުގައި މަސްވެރި ވިޔަފާރިތަކުންނާއި، މަސްވެރި އުފެއްދުންތައް އުފައްދާ އާންމުފަރާތްތަކައްވެސްބައިވެރިވެވޭނެއެވެ.
މިއަހަރުގެ ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތުވަނީ މިހާރު އާންމުކޮށް ހުޅުވާލާފައިވާއިރު، މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ރަސްމީ ގަޑީގައި ކައުންސިލްގެ 6580069 ނަންބަރު ފޯނަށް ގުޅައިގެން ނުވަތަ ކައުންސިލްގެ ވައިބަރ ނަންބަރ 7380069 އަށް މެސެޖް ކޮށްލައިގެން ނަން ނޯޓް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ. މައުރަޒުގައި ބައިވެރިވުމަށް ނަން ނޯޓު ކުރެއްވުމުގެ ސުންގަޑިއަކީ 2025 އޮކްޓޯބަރ 2 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.