ގދ. ހޯނޑެއްދޫގައި ސްލިޕްވޭއެއް ހެދުމަށް ކަނޑައަޅާފައިވާ ބިމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އެރަށު ކައުންސިލުން އަނެއްކާވެސް ހުޅުވާލައިފި އެވެ.
އޮޑި ދޯނިފަހަރު ބަނުމުގެ މަސައްކަތާއި، އޮޑި ދޯނިފަހަރު އެހެލައި، ބޭލުމާއި، މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސްލިޕްވޭ އެޅުމަށް ކަނޑައަޅާފައިވާ ބިން ބިޑް އުސޫލުން ކުއްޔަށް ދިނުމަށް މީގެ ކުރިންވެސް ކައުންސިލުން އިއުލާނުކޮށްފައި ވެއެވެ. އެހެންނަމަވެސް، އިއްޔެ އަލުން ބިޑަށް ހުޅުވާލީ ކުރިން ކުރި އިއުލާނުގެ މުއްދަތު ހަމަވީއިރު، އެއްވެސް ފަރާތަކުން ބިމަށް އެދި ބިޑް ހުށަހަޅާފައި ނުވާތީކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ، ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 2025 ޖަނަވަރީ 20 ވަނަ ދުވަހުގެ 13:30 އަށް ބިޑު ހުށަހެޅުމަށް އެދޭކަމަށެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް ޖަނަވަރީ 19 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބޭނެކަމަށާއި، ފޯމެއްގެ އަގަކީ -/3000ރ (ތިންހާސް ރުފިޔާ) ކަމަށް ކައުންސިލުން ބުންޏެވެ.












