ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ފިޝަރީޒް މިނިސްޓްރީން ކުރިޔަށްގެންދަން ނިންމާފައިވާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކައް، ޕްރޮގްރާމްގައި ރަޖިސްޓްރީކުރުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގަން ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމަކީ، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން ފުރަތަމަ ހުޅުވާލީ މިދިޔަ އޯގަސްޓް މަހުގެ 16 އިން 27 އޮގަސްޓްގެ ނިޔަލަށެވެ.
ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑި ހަމަވެފައި ވަނިކޮށް އިއްޔެ އަނެއްކާވެސް މިނިސްޓްރީން ވަނީ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކައް އެކަމަށް އެދި ހުށަހެޅުމަށް ދެ ހަފުތާގެ މުއްދަތެއް އަލުން ދީފައެވެ. އަލުން ފުރުސަތު ހުޅުވާލީ ކީއްވެގެން ކަމެއް މިނިސްޓްރީން ބުނެފައެއް ނުވެއެވެ. މިނިސްޓްރީން މިކަމާގުޅޭގޮތުން އިއްޔެ އާންމުކުރި އިއުލާނުގައި، މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 14:00 ގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު އައިޑީ ކާޑުގެ ކޮޕީއާއެކު އީމެއިލް ކުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ގެޒެޓުން ޑައުންލޯޑް ކޮށްލެވޭނެއެވެ.
މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. 3 މަސް ދުވަހަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތުދެނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ 5 ޒުވާނަކަށެވެ. މިތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާގޮތުގައި، މި ޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެ އެވެ.