ގއ. ދާންދޫ ފަޅުތެރެއިން ސީވީޑް އާލާކޮށް އޭގެން ނަފާހޯދުމުގެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް ދާންދޫ ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.
ދާންދޫ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މި ފުރުސަތު ހުޅުވާލެވިފައިވަނީ އެ ރަށުގެ ރަށްވެހިންނަށެވެ. މިއީ "ދާންދޫ އިޚްތިޞާޞް ތެރޭގައި ހިމެނޭ ކަނޑާއި، ފަރާއި ފަޅުގެ ސަރަހައްދުގެ ޒޯންތަކުން ބައި ކުއްޔަށް ދޫކުރުމާއި، ހަވާލުކުރުމާއި އަދި ފީ ނެގުމާއިބެހޭ ގަވާއިދު" ގެ ދަށުން ދޫކުރެވޭ ބިންތަކެއްކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
މި ގަވައިދުގެ ދަށުން ދާންދޫ ފަޅުގެ އިޚްތިޞާޞްގެ ތެރެއިން މިފަހަރު ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ބްލޮކެވެ. އެއީ:
"ކަންޑާ" އާއި ވޮޑަމުލާއާއި ދެމެދުން: 15,000 އަކަފޫޓުގެ 2 ބްލޮކް
ރަށުގެ އުތުރުކޮޅު ފަޅުތެރެއިން: 15,000 އަކަފޫޓުގެ 2 ބްލޮކް
ކައުންސިލުން ބުނި ގޮތުގައި، މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 5 އަހަރު (60 މަސް) ދުވަހުގެ މުއްދަތަށެވެ. އަދި ވިޔަފާރި ފެށުމަށް ހިތްވަރުދިނުމުގެ ގޮތުން ފުރަތަމަ 12 މަސްދުވަހުގެ މުއްދަތުގައި ކުލި ނުނަގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ކުލި ހިނގާނީ ބާކީ 48 މަސްދުވަހަށެވެ.
މި ބިންތަކަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ދަށް ފެށޭ ކުއްޔަކީ އަކަފޫޓަކަށް 50 ލާރިއެވެ. ނަމަވެސް، ވާދަވެރި ބިޑިންގ މަރުހަލާގެ ތެރެއިން މިއަށްވުރެ މަތީ ކުއްޔެއް ހުށަހެޅުމުގެ ފުރުސަތު ބިޑްކުރާ ފަރާތްތަކަށް އޮންނާނެކަމަށް ކައުންސިލުން މިކަމާގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ. ބިޑްތައް އިވެލުއޭޓްކުރުމުގައި ކުއްޔަށް 85 އިންސައްތަ، ވިޔަފާރި ޕްލޭނަށް 5 އިންސައްތަ އަދި ސީ.އެސް.އާރު (އިޖުތިމާއީ ޒިންމާ) އަށް 10 އިންސައްތަ މާކްސް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
މި ބިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ކައުންސިލުން ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑިއަކީ 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އެވެ. ރަޖިސްޓްރީވުމަށް އޮންލައިން ފޯމު ނުވަތަ ސިޓީ މެދުވެރިކޮށް ހުށަހެޅޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.
މައުލޫމާތު ދިނުމުގެ ސެޝަން 26 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 14:00 ގައި އޮންލައިންކޮށް އަދި ކައުންސިލް އިދާރާއަށް ހާޒިރުވެގެން ކުރިއަށްދާއިރު، ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 02 ނޮވެންބަރު 2026 ވާ ހޯމަ ދުވަހުގެ 14:00 ގައި ދާންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.