ލ. މާވަށުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އެ ރަށު ކައުންސިލާއެކު މަޝްވަރާކުރައްވައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާގޮތުގައި، އެ މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެ ރަށުގައި ގާއިމުކުރާ އައިސްޕްލާންޓުގެ މަސައްކަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުންނެވެ.
މާވަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަޝްރޫއު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން އެ އެއްބަސްވުމުގެ ދަށުން މާވަށުގައި ގާއިމުކުރުމަށް ނިންމާފައިވަނީ 10 ޓަނުގެ އައިސްޕްލާންޓަކާއި 20 ޓަނުގެ އައިސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖެކެވެ. މިއަދުގެ މަޝްވަރާތަކުގައި ވަނީ މަސްވެރިންގެ ބޭނުންތަކަށް ބަލައި، އެ އައިސްޕްލާންޓުގެ ކެޕޭސިޓީ އިތުރަށް ބޮޑުކުރުމާ ގުޅޭގޮތުން ވާހަކައްކާފައެވެ.
މީގެއިތުރުން، މާވަށުގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތައް ފުޅާކުރުމާއި، އެ ރަށުގައި އެގްރޯފޮރެސްޓްރީ ދަނޑެއް އެޅުމާ ގުޅޭގޮތުންވެސް ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރެވުނު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބާއި، މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން ލ. މާވަށު ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.