މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ރާއްޖޭގެ އިންތިޚާބީ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް ފަރުމާކޮށް، އިމާރާތްކޮށް، އަދި ވަސީލަތްތައް ގާއިމުކުރުމަށް މެލޭޝިޔާގެ "އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިޔާ" ކުންފުންޏާއެކު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މާގިރި ހޯޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.
އައިސްޕްލާންޓް ގާއިމުކުރުމަށް ހަމަޖެހިފައިވާ ރަށްތައް:
ހއ. ދިއްދޫ
ހދ. ކުޅުދުއްފުށި
ށ. ކޮމަންޑޫ
ކ. ގާފަރު
އއ. ރަސްދޫ
މ. މުލައް
ދ. ހުޅުދެލި
ގއ. ނިލަންދޫ
ގއ. ވިލިނގިލި
ގއ. މާމެންދޫ
ގދ. ރަތަފަންދޫ
ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫއު ކުރިއަށްދާނީ "ޑިޒައިން އެންޑް ބިލްޑް" އުސޫލުންނެވެ.
ކަނޑުގެ މާހައުލާ ގުޅޭގޮތުން ހާއްސަކޮށް ފަރުމާކުރެވިފައިވާ ކަނޑުފެން ފިނިކުރާ ނިޒާމެއް (ސީވޯޓަރ ކޫލިންގ ސިސްޓަމް) އެކުލެވިގެންވާ ތަންތަނެވެ.
މި އެއްބަސްވުމުގެ ދަށުން އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުނިން އިިންޖިނިއަރިންގ މަސައްކަތްތައް ސުޕަވައިޒްކުރުމާއި، ބޭނުންވާ ހާއްސަ ވަސީލަތްތައް ހޯދުމާއި، ސައިޓް ނެގުމާއި، އައިސްޕްލާންޓް ބެހެއްޓުމާއި، ޓެސްޓްކުރުމުގެ އިތުރުން އޮޕަރޭޝަނަލް ހާލަތަށް ގެނައުމުގެ ހުރިހާ މަސައްކަތެއް ކުރާނެއެވެ. މީގެއިތުރުން، ދައުލަތުގެ ގަވާއިދުތަކާ އެއްގޮތަށް ވޮރަންޓީ ސަޕޯޓާއި އާފްޓަރ-ސޭލްސް ހިދުމަތްތައްވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.
ސަރުކާރުން ފާހަގަކުރާގޮތުގައި، ސަރަހައްދީ ފެންވަރުގައި އައިސް އުފެއްދުމުގެ ގާބިލުކަމާއި ކޯލްޑް ޗެއިން ވަސީލަތްތައް ފުޅާކުރުމަކީ މަސްވެރިކަމުގެ ސިޔާސަތުގެ މުހިންމު ތަނބެކެވެ. މީގެ މައިގަނޑު ބޭނުމަކީ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދަވާ ވަގުތު ކުޑަކޮށް، މަހުގެ ތާޒާކަން ހިފެހެއްޓުމަށް ދާ ހަރަދުތައް ކުޑަކޮށްދިނުމެވެ.