ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ދޫކުރާ "އާރުވެރި" މެޗިންގ ގްރާންޓާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ފުވައްމުލައް ސިޓީގައި ބާއްވައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، މި ސެޝަން ކުރިއަށްގެންގޮސްފައިވަނީ އެ ވުޒާރާގެ ފަންނީ ޓީމަކާއި ޓްރާންސްފޯމް ޕްރޮޖެކްޓް ޓީމު ގުޅިގެންނެވެ. މި ސެޝަނުގައި، އަންނަ މަހު ހުޅުވާލުމަށް ހަމަޖެހިފައިވާ ގްރާންޓް ވިންޑޯތަކުގެ މައުލޫމާތާއި، ޚާއްޞަ ޕޯޓަލް (aaruveri.fishagriocean.gov.mv) މެދުވެރިކޮށް އެހީއަށް އެދި ހުށަހަޅާނެ ތަފްސީލީ މަރުހަލާތައް ވަނީ ހިއްސާކޮށްފައެވެ.
އާރުވެރި ގްރާންޓަކީ، އޮގަސްޓް މަހުގެ ފަހުކޮޅު އިފްތިތާހުކޮށްދެއްވާފައިވާ 278 މިލިއަން ރުފިޔާގެ ފަންޑެކެވެ. މި ސްކީމުގެ ދަށުން ކަނޑައެޅިފައިވާ 7 ވިންޑޯއަކުން ފާސްވާ ޕްރޮޖެކްޓުތަކަށް %40 އާ ހަމައަށް (1 މިލިއަން އާއި 30 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން) ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ.
ފުރަތަމަ ބުރުގައި މަސް ބަންދުކުރާ ދަޅު އުފެއްދުމާއި، ކާރުޚާނާތަކުގެ ހަކަތަ އިޤްތިޞާދުކުރުމާއި، ފަޅު ރަށްރަށުގެ ކުނި މެނޭޖްކުރުމަށް ހުޅުވާލި އިރު، ކުރިއަށް އޮތް ތަނުގައި މަސް ޕްރޮސެސްކުރުން (12.76 މިލިއަން ރުފިޔާއާ ހަމައަށް)، އުޅަނދުފަހަރުގެ ހަކަތަ ބަދަލުކުރުން (3.08 މިލިއަން ރުފިޔާއާ ހަމައަށް)، ކުދި އަދި މެދު މިންގަނޑުގެ ވިޔަފާރިތައް (2.77 މިލިއަން ރުފިޔާއާ ހަމައަށް) އަދި މެރިކަލްޗަރ (1.27 މިލިއަން ރުފިޔާއާ ހަމައަށް) ދޫކުރާ ގްރާންޓްތަކަށް ހުޅުވާލެވޭނެއެވެ.
އެ ވުޒާރާއިން ހާމަކުރާ ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން އަމިއްލަ ކުންފުނިތަކާއި ކުދި އަދި މެދު މިންގަނޑުގެ ވިޔަފާރިތަކާއި މަސްވެރިން ބާރުވެރިކުރުވުމަށް ހިންގާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދަނީ 2023 އިން 2030 އަށް ވޯލްޑް ބޭންކުގެ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގައި ހިންގާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުންނެވެ.