މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަޅުބިލަމަސް ގަންނަ އަގުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
ކެޔޮޅާއަށް މައުލޫމާތު ލިބިފައިވާގޮތުގައި، މިއަދުން ފެށިގެން އަމަލުކުރަން ފެށި އާ އަގުތައް ކަނޑައެޅިފައިވަނީ މަސްވެރިން ކިރާ މަހުގެ އަދަދަށް ބަލައި ތަފާތު ފްލެޓް ރޭޓުތަކަކަށެވެ.
މިފްކޯއިން މަހުގެ އަގަށް ގެނައި ބަދަލުތައް:
0 ކިލޯއިން ފެށިގެން 5 މެޓްރިކް ޓަނާ ހަމައަށް: ކިލޯއެއް -/21 ރުފިޔާ
5 މެޓްރިކް ޓަނުން ފެށިގެން 8 މެޓްރިކް ޓަނާ ހަމައަށް: ކިލޯއެއް -/22 ރުފިޔާ
8 މެޓްރިކް ޓަނުން ފެށިގެން މަތި: ކިލޯއެއް -/22.75 ރުފިޔާ
މިފްކޯއިން ކެޔޮޅުންނާ މިއަދު ހިއްސާކޮށްފައިވާގޮތުގައި، މިއަދުން ފެށިގެން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް (ކޭއެފްސީ)، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް(އޭއެފްސީ)ގެ އިތުރުން އެކުންފުނީގެ މަސްކިރާ ބޯޓްފަހަރުކަމަށްވާ ރަންދި-23، ރަންދި-25، ރަންދި-29، ޖަޒީރާ-105އަދި ޖަޒީރާ-106 އިން މަސް ގަންނަމުންދާނީ މިއަގުތަކުގައެވެ.
މިފްކޯއިން މަސް ގަންނަ އަގުތަކަށް މިއަދު އިތުރު ބަދަލުތަކެއް ގެނެސްފައިވާއިރު، ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގުތަކަށް އަންނަ ބަދަލުތަކާއި، މަހުގެ ސަޕްލައި އާއި ޑިމާންޑަށް ރިއާޔަތްކޮށް، ފޭސްތަކަކަށް ބަހާލައިގެން މަސް ގަންނަ އަގަށް މީގެ ކުރިންވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، މިދިޔަ ޖޫން މަހު ކިލޯއެއްގެ އަގު -/20 ރުފިޔާއަށް އަދި އޮގަސްޓް މަހު -/21 ރުފިޔާއަށް މަތިކުރުމަށްފަހު، ސެޕްޓެމްބަރު 2026 ގައި ކަޅުބިލަމަސް ގަންނަ އަގު ވަނީ ކިލޯއެއް -/22 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ސަރުކާރުގެ މަސް ގަންނަ އަގު ކަނޑައެޅުމުގެ ނިޒާމުގެ ދަށުން، މަސް ގަންނަ އަގުތައް ބައިނަލްއަގުވާމީ ބާޒާރާއި މާކެޓް ޑިމާންޑާ އެއްގޮތަށް ބަދަލުވަމުން ދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ډރ. މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މަސް ކިލޯއެއްގެ އަގު -/20 ރުފިޔާއަށްވުރެ ދަށްނުވާނެ ގޮތަށް އުސޫލުތައް ވަނީ ހަމަޖައްސާފައެވެ.
މަސްވެރިންގެ ކަންބޮޑުވުން: އަގު ބަދަލުކުރުމުގެ ސަބަބުން ބޮޑު ގެއްލުމެއް
މީގެ ކުރިން ސެޕްޓެމްބަރު މަހު ގެނެވުނު ބަދަލާއެކު، މަސްވެރިން ކިރާ ކޮންމެ މިންވަރަކަށްވެސް ފްލެޓް ރޭޓެއްގެ ގޮތުގައި ކިލޯއެއް -/22 ރުފިޔާގެ ދަށުން ފައިސާ ލިބެމުން ދިޔައެވެ. ނަމަވެސް މިއަދު ގެނެވުނު އާ ބަދަލާއެކު، 5 މެޓްރިކް ޓަނަށްވުރެ މަދުން މަސް ކިރާ އުޅަނދުތަކަށް ކިލޯއެއް ލިބޭނީ -/21 ރުފިޔާއަށެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖޭގައިވެސް މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މަސް ލިބުން ދަތި ދުވަސްވަރަކަށްވާތީ، ގިނަ ދޯނިފަހަރަށް 5 ޓަނަށްވުރެ ގިނައިން މަސް ކިރުމަކީ ނާދިރު ކަމެކެވެ. މީގެ ސަބަބުން ކުދި އަދި މެދުފަންތީގެ މަސްވެރިންނަށް ލިބޭ އާމްދަނީ ދަށްވެ، ތެލާއި އޮޑިއަށް ކުރާ ޚަރަދުތައް ނުނެގި، މަސްވެރިންނަށް ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމުގެ ކަންބޮޑުވުން މަސްވެރިން ވަނީ މިނޫހާ ހިއްސާކޮށްފައެވެ.
މިފްކޯއިން މީގެކުރިން ބުނެފައިވާގޮތުގައި، އަގަށް ގެނެވޭ ބަދަލުތަކަކީ މަސް ގަންނަ މިންވަރާއި ކިރާ އުޅަނދުފަހަރުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކެކެވެ.
މިފްކޯއިން މަސް ގަންނަ އަގަށް ގެނައި ބަދަލާގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ، ކަނޑައެޅިފައިވާ ޖެޓީތަކާއި އުޅަނދުފަހަރުގެ އޮފިޝަލުންނާ ނުވަތަ މިފްކޯގެ ހޮޓްލައިނާ ގުޅާލުމަށް މިފްކޯއިން އެދިފައި ވެއެވެ.