"މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ މިއަހަރުގެ ތިންވަނަ ބުރުގެ ކިޔެވުން ކ. މަނިޔަފުށީގައި މިއަދު ފަށައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ތަންފީޒުކުރާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ހިންގާ ކޯހެކެވެ.

15 ބައިވެރިންނާއެކު ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މިއަދު ފެށި މިކޯސް އޮކްޓޫބަރު 22 ގެ ނިޔަލަށް ކުރިޔަށްދާއިރު، މި ތަމްރީނުގައި ބައިވެރިވާ އެންމެހައި ފަރާތްތަކުގެ ދަތުރުފަތުރާއި، ހުރުމާއި ކެއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައިވަނީ އެމްއެމްއާރްއައިގެ ފަރާތުންނެވެ.

މި ކޯހުގައި ފަރުމަހާއި ކަނޑުފަޅުގެ އަގުހުރި ދިރުންތައް އާލާކުރުމުގެ އަމަލީ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ. އެގޮތުން ފާނައާއި، ހުއިފިލަނޑާ އަދި ދިވެހި މާގަނޑުމަސް ވިއްސައި ބޮޑުކުރުމުގެ އިތުރުން އިތާމުތް އާލާކުރުމާއި މޫދުވިނަ ހެއްދުމުގެ އަމަލީ ތަމްރީނުތައް ކުރިއަށްގެންދާނެއެވެ.