މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފިއެވެ.
މިފްކޯގެ މިނިންމުމަކީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް، ޙައްލުކުރުމަށް ރައިސުލް ޖުމުހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް މަސްވެރިންނަށް، ދޫކުރާ އަގުހެޔޮ ކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. މިކަމަށް މަގުފަހި ކުރުމުގެ ގޮތުން މިފްކޯއާއި، ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އާ ދެމެދު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. މި އެއްބަސްވުމުގެ ދަށުން އެފްއެސްއެމް އިން މިފްކޯއަށް ދޫކުރާ ތެޔޮ އަގުހެޔޮ ކޮށްފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން އަގަށް ގެންނަ ހެޔޮ ބަދަލާއެކު މަސްވެރިންނަށް ތެޔޮ ވިއްކަން ފަށާނީ މިއަހަރުގެ މަސްވެރިންގެ ދުވަސްކަމަށްވާ ޑިސެންބަރުމަހުގެ 10 ވަނަ ދުވަހުއެވެ. ތެލުގެ އަގަށް ގެންނަން ނިންމި މި ބަދަލާއެކު، މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދާނީ 13.90 ރުފިޔާ އަށެވެ. އަދި 3 ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ 13.72 ރުފިޔާއަށެވެ. މީގެ އިތުރުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާ އަގުވެސް ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކަމުން ދާނީ 14.43 ރުފިޔާއަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން އާޢްމު ރައްޔިތުންނަށާއި މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫ ސަރުކާރުން ވަނީ ފަށާފައެވެ. އަންނަ މާޗްމަހުގެ ނިޔަލަށް މިމަޝްރޫއު ނިންމާލެވޭނަކަމަށް ސަރުކާރުން ބުނެއެވެ.