އައިއައިޓީއީ މެރިޓައިމް ސުކޫލުން ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގެ އާ ބެޗެއް މާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
އައިއައިޓީއީ މެރިޓައިމް ސުކޫލުން މަޢުލޫމާތު ދޭ ގޮތުގައި މި ކޯހުގެ ކްލާސްތައް ކުރިއަށްދާނީ އޮކްޓޯބަރުމަހުގެ 11 އިން 13 އަށް، އެ ސްކޫލްގެ މާލެ ކޭމްޕަސްގައެވެ. ދިވެހި އަދި އިނގިރޭސި ބަހުން މުއާމަލާތު ކުރަން އެނގޭ، އަސާސީ ހިސާބު އަކުރު އެނގޭ އަދި ކޯހުގެ ސިލަބަސް ފުރިހަމަކުރެވޭނެ ކޮންމެ ފަރާތަކަށްވެސް މި ކޯހުގައި ބައިވެރިވެވޭނެ ކަމަށާއި، މިހާރު 7921961 އަށް ގުޅައިގެން ނަން ނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް އެ ސުކޫލުން މައުލޫމާތުދެއެވެ.
30 ގަޑިއިރުގެ މި ކޯހަކީ ކެޓަގަރީ B، C، އަދި D އުޅަނދުފަހަރުގެ ކެޕްޓަން ކަމުގެ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ހުއްދާއާއެކު ހިންގާ މި ކޯހުގެ ސިލަބަސް ތައްޔާރުކުރެވިފައިވަނީ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާއި، ކަނޑުމަތީގެ ރައްކާތެރިކަމާއި، މެރިން ކޮމިއުނިކޭޝަން އަދި އުޅަނދުފަހަރު ދުއްވައި މިސްރާބު ހިފުމުގެ ބައިތައް ހިމަނައިގެންނެވެ.
އައިއައިޓީއީ މެރިޓައިމް ސުކޫލަކީ މާލެއާއި އަތޮޅުތެރޭގައި ނިޔަމިކަމުގެ ގިނަ ކޯސްތަކެއް ހިންގާފައިވާ، ދިވެހިރާއްޖޭގައި އެންމެ ދުވަސްވީ އެއް އަމިއްލަ މެރިޓައިމް ތަމްރީނުދޭ މުއައްސަސާއެކެވެ. ނިޔަމިކަލުގެ ސެޓިފިކެޓް ލެވެލް 2 ކޯހުގެ އިތުރުން، އެ މުއައްސަސާއިން ސެޓިފިކެޓް ލެވެލް 1، ފަޅުވެރިންގެ ޑެކްހޭންޑް ތަމްރީނު އަދި މެރިން މެކޭނިކްސް ކޯސްތައްވެސް ހިންގައެވެ.