ތިނަދޫ ސިޓީގައި ދުއްވާ ކަނޑު އުޅަނދުފަހަރު މަރާމާތުކުރުމަށް އެހެލަންވާނީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން ލިޔުމުން ހުއްދަ ލިބިގެން ކަމަށް ތިނަދޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މިކަން އާންމުކޮށް އަންގައި އިއްޔެ އާންމުކުރި އއިުލާނެއްގައި ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދުމަކާ ނުލައި އުޅަނދުފަހަރު އެހެލާނަމަ ޖޫރިމަނާކުރުމާއެކު، އެފަދަ އުޅަނދުތައް އެ ސަރަޙައްދުން ނަގާނެކަމަށެވެ.
ޚައުންސިލުން ބުނީ މިފަދައިން އަންގަން ޖެހުނީ "ތިނަދޫ ސިޓީގައި ބޭނުންކުރަމުންދާ ކަނޑު އުޅަނދުފަހަރުތައް މަރާމާތު ކުރުމަށް އޮޑިވަޅުގެ ދޫކުރުމުގެ އުޞޫލު" އާ ޚިލާފަށް އެހެލާފައިވާ އުޅަނދުތަކާއި ބައުވެ ހަލާކުވެފައިވާ އެއްގަމު އުޅަނދުތައް ނެގުމަށް މީގެ ކުރިންވެސް ތަކުރާރުކޮށް އަންގައި އިޢުލާން ކުރިނަމަވެސް އެއާ އެއްގޮތަށް އަމަލުކުރަމުން ނުދާތީ ކަމަށެވެ. އަދި މި އުސޫލާ ޚިލާފަށް މިހާރު އެހެލާފައިވާ އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް ޚާއްސަ ހުއްދައަށް އެދި، މިއަދުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ސިޓީ ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ.
ކައުންސިލުން ބުނީ، މި އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ، އެ ސަރަޙައްދުން އެ އުޅަނދުތަކާއި ތަކެތި ނަގާނެކަމަށާއި، އެތަކެތި އެތަނުން ނެގުމުގައި ލިބޭ ގެއްލުމަކަށް ކައުންސިލުން ޒިންމާ ނުވާނެކަމަށެވެ.
މި ފިޔަވަޅުތަކަކީ 19 ނޮވެމްބަރު 2023 ގައި ދިވެހު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަމަލުކުރަން ފަށާފައިވާ ތިނަދޫ ސިޓީ ކައުންސިލްގެ އުޞޫލުގެ ދަށުން ތަންފީޛުކުރެވޭ ކަންކަމެވެ. މި އުޞޫލުގެ ދަށުން އޮޑިވަޅުގެ ދޫކުރެވެނީ ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް، ހުށަހަޅާ ތަރުތީބުންނެވެ. ބިން ދޫކުރުމުގެ 4 ކެޓަގަރީއެއް ހިމެނޭއިރު، އެއީ 20 ފޫޓު 15 ފޫޓުގެ ބިމުން ފެށިގެން 100 ފޫޓު 50 ފޫޓުގެ ބިމާ ހަމައަށެވެ. އަދި ބިން ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 3 މަސްދުވަހާއި 6 މަސްދުވަހާ ދެމެދުގެ މުއްދަތެކެވެ.
އޮޑިވަޅުގެއަށް ކުލީގެ ގޮތުގައި އަކަފޫޓަކަށް މަހަކު -/1 ރުފިޔާ ނެގޭއިރު، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ތިނަދޫ ސިޓީ ކައުންސިލަށް ދައްކަންޖެހެއެވެ. ސުންގަޑި ހަމަވުމަށްފަހު ކުލި ދައްކާނަމަ ދުވަހަކަށްޖެހޭ އަދަދުގެ 25 އިންސައްތައިގެ ޖޫރިމަނާއެއް ނެގޭނެއެވެ. މީގެއިތުރުން ހުއްދަނެތި އެހެލައިގެން މަރާމާތުކުރާ އުޅަނދުތަކަށް މަރާމާތު ކުރިކަމުގެ ލިޔުން ދޫކުރެވޭނީ -/5000 ރުފިޔާގެ ޖޫރިމަނާއެއް ތިނަދޫ ސިޓީ ކައުންސިލަށް ދެއްކުމުންނެވެ. އުޞޫލާ ޚިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް -/1000 ރުފިޔާ، ދެވަނަ ފަހަރަށް -/3000 ރުފިޔާ، އަދި ތިންވަނަ ފަހަރަށް -/5000 ރުފިޔާއިން ޖޫރިމަނާކޮށް ބިން ވަކިކުރެވެއެވެ. ބިން ވަކިކުރެވޭ ފަރާތްތަކަށް އަލުން ހުއްދަ ދޫކުރެވޭނީ 6 މަސްދުވަހުގެ މުއްދަތަކަށް ހުއްދަ ހިފެހެއްޓުމަށްފަހު، ދައްކަންޖެހޭ ހުރިހާ ކުއްޔާއި ޖޫރިމަނާއެއް ތިނަދޫ ސިޓީ ކައުންސިލަށް ދެއްކުމުންނެވެ.