ފަރުމަސް އާލާކުރުމުގެ ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ 4 ވަނަ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހުޅުވާލައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، އެ މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ވޯލްޑް ބޭންކްގެ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ ދަށުން ހިންގާ މި ތަމްރީނު ކުރިއަށްދާނީ ކ. މަނިޔަފުށީގައެވެ.
14 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯސް ތާވަލުކުރެވިފައިވަނީ 31 އޮކްޓޫބަރ 2026 އިން 12 ނޮވެމްބަރ 2026 އަށެވެ. ޖުމްލަ 15 ބައިވެރިންނަށް ފުރުޞަތު ދޭ މި ކޯހުގެ މައިގަނޑު ބައިތަކުގެ ތެރޭގައި:
އެކްއަކަލްޗަރ ނިޒާމުތަކާއި ދިރުން އާލާކުރުން: އެކްއަކަލްޗަރ ނިޒާމުތަކާއި، ދިރޭ ކަނާ އާލާކުރުން، ފާނައާއި، ހުއިފިލަނޑާ، އަދި ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރުން.
އިތާމުތާއި މޫދުވިނަ: އިތާމުތް އާލާކުރުމާއި މޫދުވިނަ (ސީވީޑް) އަދި ތިއަރީ ބައިތައް.
ބަލިތަކުން ރައްކާތެރިވުމާއި ތިމާވެށި: އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި، ބަލިތަކުން ރައްކާތެރިކުރުމުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުން.
ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިތުރުން މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކުގެ އިންތިޒާމް އެމްއެމްއާރްއައިއިން ހަމަޖައްސައިދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޫބަރ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމާއި އައިޑީ ކާޑު ކޮޕީ info@mmri.gov.mv އަށް ނުވަތަ އެމްއެމްއާރްއައިއަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި 15 ފުރުޞަތަށްވުރެ ގިނައިން ފޯމު ހުށަހަޅައިފިނަމަ ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.