ނ. ހޮޅުދޫގައި މަސް މާރުކޭޓެއް އަޅަން ނިންމައި، އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ، ކައުންސިލްގެ ފަރާތުން 31 ފޫޓު ދިގު 16 ފޫޓު ފުޅާ މަސް މާރުކޭޓެއް ތަރައްގީކުރަން ނިންމާފައިވާކަމަށާއި، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުުސަތު އިއްޔެ ހުޅުވާލާފައިވާކަމަށެވެ. ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާގެ މެއިލް އެޑްރެސް info@holhudhoo.gov.mv އަށް މިމަހުގެ 21 ވަނަ ދުވަހުގެ 11:00ގެ ކުރިން އީމެއިލް ކުރުމަށް ކައުންސިލުން ފުރުސަތު ދީފައި ވެއެވެ. އަދި، މިމުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ، މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށްކަމަށްވުމާއެކު، ބިޑް ރެޖިސްޓްރޭޝަން ފޯމާއެކު ބީލަމުގައި ބައިވެރިވާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓްވެސް ހުށަހަޅަން ޖެހޭނެކަމަށެވެ.
މި ބީލަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 22 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަދި، ބީލަން ހުށަހެޅުން އޮންނާނީ 04 ފެބްރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރާނެކަމަށާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެކަމަށް ކައުންސިލުން ބުންޏެވެ.
ބީލަމާއި ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ކައުންސިލްގެ އީމެއިލް info@holhudhoo.gov.mvއަށް ނުވަތަ ފޯނު ނަމްބަރ، 6560009 ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.