ތުރުކީވިލާތުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި މަނަވަރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)އާ ކޮމިޝަންކޮށް ޚިދުމަތަށް ނެރެފިއެވެ.
މަނަވަރު ރަސްމީކޮށް ހަވާލުކޮށް ކޮމިޝަން ކުރުމަށް ހުޅުމާލޭ އެމްޕީއެލް ޕޯޓްގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްްމަދު މުއިއްޒެވެ.
މި ރަސްމިއްޔާތުގައި ވަނީ ތުރުކީވިލާތު ސަރުކާރުގެ ފަރާތުން ހަވާލުކުރި މަނަވަރު އެމްއެންޑިއެފްއާ ހަވާލުކޮށްފައެވެ. ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި، ދައުލަތުން ޢިއްޒަތް އަރުއްވާފައި ތިއްބެވި ޢިއްޒަތްތެރިންނާއި، ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ތުރުކީވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސެމީ ލުޓްފު ޓުރްގުޓްއާއި، ދިވެހިރާއްޖެއިން ތުރުކީވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު، ލެފްޓިނެންޓް ޖެނަރަލް ރިޓަޔަރޑް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ތުރުކިޔޭ ނޭވީގެ ރެއަރ އެޑްމިރަލް ރުޝްތު ޝެޒާރގެ އިތުރުން، ސިފައިންގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ޝަރަފުވެރިންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، ސިފައިންގެ އިސް ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މަނަވަރު އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ތުރުކީވިލާތުގެ އަސްކަރިއްޔާގެ ފްލީޓް ކޮމާންޑަރު ކާދިރު ޔިންޑީޒެވެ. އެމްއެންޑިއެފްގެ ފަރާތުން މަނަވަރާއި ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީއެެވެ.
މަނަވަރާ ރަސްމީކޮށް ހަވާލުވުމަށްފަހު، މަނަވަރު ކޮމިޝަންކުރުމުގެ ކުރިން މަނަވަރުގެ ނަން ބޯޑް ކަޝްފުކޮށް ދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒެވެ. އަދި، ނެގުމަށް ދިވެހި ދިދަ މަނަވަރުގައި ނެގުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޚިދުމަތް ފެށުމުގެ ލިޔުން މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޙަސަން ޝިނާންއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވިއެވެ. މި ރަސްމިއްޔާތުގައި، މަނަވަރު ކަމިޝަންކޮށް ޚިދުމަތް ފެށުމުގެ ގޮތުން ކަނޑުމަތީގެ ސިފައިންގެ އާދަކާދަތަކާ އެއްގޮތަށް އުޅަނދުގެ ކުރީކޮޅުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އަދި ފަހަތުކޮޅުގައި ސިފައިންގެ ދިދަ ނަގައި، މަނަވަރުގައި ކަމިޝަނިންގ ޕެނަންޓް ވަނީ ބަހައްޓާފައެވެ. އަދި، ދިދަބިސީން، މަނަވަރުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނެގުމާ އެކު، ދިދައަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ރަސްމީ ކުރުނީހެއް އަރުވައި، ޤައުމީ ސަލާމް ކުޅެފައިވެއެވެ. އަދި، މަނަވަރު ކޮމިޝަން ކުރުމަށްފަހު ”ކޯސްޓްގާޑް ޝިޕް ދަރުމަވަންތަ“ގެ ނަމުގައި ވަނީ ޚިދުމަތަށް ނެރެފައެެވެ. މި މަނަވަރަކީ، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުގެ އަރުމާދަށް މިހާތަނަށް ގެނެވުނެ އެންމެ ބޮޑު މަނަވަރެވެ.
ތުރުކީން ރާއްޖެއަށް ހަދިޔާކުރީ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރަކީ ވެޕަން މެނޭޖްމެންޓް ސިސްޓަމްތަކާއި، ފަޔަރ ކޮންޓްރޯލް ރާޑަރާއެކު އިންޓެގްރޭޓް ކުރެވިފައިވާ އަދި ޒަމާނީ އެހެނިހެން ވަސީލަތްތައް ވެސް ޤާއިމުކުރެވިފައިވާ އުޅަނދެކެވެ. އަސްކަރީ މި ޤާބިލުކަމާ މި އުޅަނދުގެ ހަލުވި ދުވެލީގެ ސަބަބުން މި އުޅަނދު ވެގެންދާނީ ދިވެހި އަސްކަރިއްޔާއާ ހަވާލުކުރައްވާފައިވާ ދައުރާއި މަސްއޫލިއްޔަތު އަދާކުރުމުގައި، ދިވެހި އަސްކަރިއްޔާގެ ކަނޑުގެ ބާރުކަމުގައިވާ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓައި ފާރަވެރިވެ ދެމިތިބުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމަކަށެވެ. އަދި ދިވެހީންގެ ރާއްޖެއާއި ދިވެހި ޤައުމު ދިފާޢުކޮށް ދެމެހެއްޓުމަށް ރުކުރުވާލެވިފައިވާ ދިވެހި ސިފައިންގެ ކަނޑުގެ އަސްކަރީ އަރުމާދަށް ލިބިގެންދާ ވަރަށް ފުރިހަމަ އަދި އެހާމެ ވަރުގަދަ ދިފާޢީ އައްޑަނައެއްގެ ގޮތުގައި އެމްއެންޑީއެފް އިން ބުނެއެވެ.
މި މަނަވަރު އޮޕަރޭޓްކުރާނީ ތުރުކީން ތަމްރީން ހޯދާފައިވާ ދިވެހި އަސްކަރީންނެވެ. އަދި މި އުޅަނދު ދުއްވައި މެއިންޓެނަންސް ބަލައްހައްޓާނީވެސް ދިވެހި ސިފައިން ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މި މަނަވަރު ޚިދުމަތައް ނެރެވުމާއެކު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސުލްޖމްުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ދިފާޢީ ވުޒާރާއިން ފާހަގަކޮށްފައިވެ އެވެ.