މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި)އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އައްޑޫ ސިޓީގައި ކުރިޔަށްގެންދަން ހަމަޖެހިފައިވާ ”ނިޔަމި ކޯސް-2“ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ތަމްރީން ޕްރޮގްރާމަކީ، އައްޑޫސިޓީގައި ކަނޑު އުޅަނދު ދުއްވާ ފަރާތްތަކަށާއި، އަލަށް ކަނޑު އުޅަނދު ދުއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށާއި އަދި މަސްވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުުރުސަތު އިއްޔެ ކައުންސިލުން ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް 2025 ނޮވެމްބަރު 30 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރުމަށް ނުވަތަ އެ އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓަށް ss@adducity.gov.mv މެއިލް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ.
ތިރީސް ގަޑީއިރުގެ މުއްދަތަކަށް ކުރިޔަށްގެންދެވޭ މި ކޯހުގައި، ދިވެހި ބަހާއި އިނގިޜޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވިދާނެއެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-Bގެ އުޅަނދުތަކުގެ ކެޕްޓަންކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ މިހޯހުގައި، ކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން، އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އުޅަނދުގެ އާންމު މައުލޫމާތު ދަސްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.