ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށް އެންމެ ދެކުނާއި، އުތުރުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައި ވަނީ އެންމެ ދެކުނުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ހިމެނޭ ސަރަހައްދަށެވެ. އަދި އުތުރަށް ހުދު ސަމާލު ނެރެފައިވަނީ، ށ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމަޔަށް ހިމެނޭ ސަރަހައްދަށެވެ.
މެންދުރު 02:00 އިން މިރޭ 07:00 އާ ހަމަޔަށް މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާ ގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވާތީ މޫސުމާބެހޭ އިދާރާއިން ވަނީ އެންމެހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.