ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ކަނދުފަތި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމަށް ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކަނދުފަތީގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ)ގެ އެހީތެރިކަމާއެކު މި އަހަރުގެ ޖެނުއަރީ މަހު ފެށި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކަނދުފަތީގެ ޑިޒައިން ކޮންސެޕްޓް ތައްޔާރުކުރުމުގެ މަސައްކަތްކަމަށާއި، މި އަހަރުގެ ތެރޭގައި ކަނދުފަތީގެ ޑިޒައިނާއި ބޭނުންކުރާނެ މެޓީރިއަލް ނިންމުމަށްފަހު ޕްރޮކިއުމަންޓްގެ މަސައްކަތް ފެށޭނެ ކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ. މި މަޝްރޫއުގެ ދަށުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ޕްރޮޓޯޓައިޕް ދެ ކަނދުފަތި ހަރުކުރުމަށް ރޭވިފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ކަނދުފައްޗެއް ގާއިމުކޮށްފައިވަނީ 1980 ގެ މެދުތެރޭގައެވެ. އޭގެ ފަހުން، ކަނދުފަތީގެ ފަރުމާއަށް ގެނައި ބަދަލުތަކާއެކު، މިހާރު ބޭނުންކުރަމުންދަނީ ވިއްސަކަށް އަހަރު ކުރިން ތައްޔާރުކުރެވުނު ފަރުމާއެކެވެ. ނަމަވެސް ކަނދުފަތި ކަނޑައިގެންދާ މިންވަރު މަދުކޮށް، އޭގެ އުމުރު އިތުރުކުރުމަށްޓަކައި މި ފަރުމާ އިތުރަށް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.
ރާއްޖޭގޭ ކަނދުފަތީގެ ވިއުގައިގެތެރޭގައި މިހާރު 75 ދޮށީ ކަނދުފައްޗާއި 41 ވަދު ކަނދުފަތި ހިމެނެއެވެ. ދޮށީ ކަނދުފައްޗަކީ ދޮށީ ނުވަތަ ކަނޑު މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދުކަނދުފައްޗަކީ ފަރު މަސްވެރިކަން އަދި މުނިފޫހި ފިލުވުމަށްޓަކައި ކުރެވޭ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށް ވަނީ ސަރުކާރުންވަނީ ކަނޑައަޅައިފައެވެ. މިގޮތުން ގާއިމުކުރާ ފުރަތަމަ ސެންޓަރު ށ.ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މި ސެންޓަރުގެ ބިންގާ އަޅައި އަމަލީ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ކުރިން ފެށުމަށް އަމާޒުކުރެވިފައިވާކަމަށެވެ.