ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންކުރާ އިތުރު 17 އިންޓަސެޕްޓަރ ކްރާފްޓް މިއަހަރު ޚިދުމަތަށް ނެރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމީ ދިފާޢީ ބާރުގެ ހުރިހާ ދާއިރާއެއްގެ ފެންވަރު މަތިކުރުމަށް ވޭތުވެ ދިޔަ އަހަރު ކުރެވުނު މަސައްކަތުގައި، ކޯސްޓްގާޑްގެ ޚިދުމަތް ދެ ގުނަކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ތުރުކީ ވިލާތުގެ ސަރުކާރުން ދެއްވި ހިލޭ އެހީއެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތަށް މިހާތަނަށް ތަޢާރަފު ކުރެވުނު އެންމެ ބޮޑު ޢަސްކަރީ މަނަވަރު މި ދިޔަ އަހަރު ޚިދުމަތަށް ނެރެވުނު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓަސެޕްޓަރ ކްރާފްޓް ހޯދުމުގެ މަސައްކަތް ފަށައި އޭގެތެރެއިން 3 އުޅަނދު މިހާރު ޚިދުމަތަށް ނެރެފައިވާކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު 17 އުޅަނދު ޚިދުމަތަށް ނެރެވޭނެކަމަށެވެ. އަދި، ދެ ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް ހޯދުމަށް ޖަޕާން ސަރުކާރުން ފައިސާ ގެ އެހީ ދިނުމަށް ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ ސަރަޙައްދާއި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ހޯދާ މަނަވަރު ވެސް މިއަހަރު ޚިދުމަތަށް ނެރެވޭނެކަމަށްް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދިޔަ އަހަރު އެމް.އެން.ޑީ.އެފްގެ މެރިންކޯއަށް އެންމެ ޒަމާނީ އާމަޑް ވެހިކަލް ހޯދާފައިވާކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަހަރުގެ ތެރޭގައި ވެސް މެރީން ކޯ ގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތައް ހޯދުމާއި، ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާނެކަމަށެވެ.