ލ. ހިތަދޫގައި އައިސް ޕްލާންޓަކާއި، ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށް ބޭނުންވާ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ ފަރާތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ހިތަދޫގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއެކު، 40 ޓަނުގެ ސީވޯޓަރ ޓިއުބް އައިސް ޕްލާންޓެއް ގާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫއަށް ބޭނުންވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިފްކޯއިން އިއްޔެ ވަނީ އާންމުކޮށް އިއުލާނުކޮށްފައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކުން އަންދާސީ ހިސާބު ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސް އިއުލާނާއެކު އެއްކަރުދާސްކޮށްފައި ވެއެވެ.
އިއުލާނުގައި ވާގޮތުންނަމަ، ބިޑް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 15 މާޗް 2026 ވަނަ ދުވަހުގެ 12:00 އެވެ. ބިޑް ހުށަހަޅަންވާނީ ހަމައެކަނި contract@mifco.mv އީމެއިލް އެޑްރެހަށްކަމަށާއި، އެހެން އެއްވެސް އީމެއިލް އެޑްރެހަކަށް ފޮނުވާ ނުވަތަ ސީ.ސީ (CC) ކޮށްފައިވާ ބިޑްތައް ބާތިލުކުރުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވާކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 15 މާޗް 2026 ވަނަ ދުވަހުގެ 13:00 ގައެވެ. ބައްދަލުވުން ކުރިޔަށްދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް، ބިޑް ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ބައިވެރިންގެ ހާޒިރުގައެވެ. ބިޑް ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށްޓަކައި، ތިރީގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު 15 މާޗް 2026 ވަނަ ދުވަހުގެ 12:00ގެ ކުރިން bid@mifco.mv އަށް އީމެއިލް ކުރުމަށް މިފްކޯއިން އެދިފައި ވެއެވެ.
ބިޑް ބައްދަލުވުމުގައި ރަޖިސްޓްރީވުމަށް ކުރާ މެއިލްގައި ހިމަނަންޖެހޭ މައުލޫމާތު:
ކުންފުނީގެ ނަން
ނަމާއި ފޯނު ނަންބަރު
އީމެއިލް އެޑްރެސްމިފްކޯއިން ބުނީ މި ބައްދަލުވުމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ނޫންކަމަށާއި އެއީ އިޚްތިޔާރީ ބައްދަލުވުމެއްކަމަށެވެ. އަދި، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ޕްރޮޕޯސަލް ހުށަހަޅާ ކޮންމެ ފަރާތަކީވެސް ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްގެ ގޮތުގައި ބެލެވޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ. މި ކަމާ ގުޅޭ މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ bid@mifco.mv އަށް އީމެއިލް ކޮށްދިނުމަށް މިފްކޯއިން އެދިފައި ވެއެވެ.ލ. ހިތަދޫގައި ހިތަދޫގައި އައިސްޕްލާންޓެއް ގާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން މިފްކޯއާއެކު އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެތެރޭގައި ލ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ހިތަދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ހިތަދޫގައި ގާއިމް ކުރާ އައިސްޕްލާންޓްގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނެވުމާއެކު، ހިތަދޫއާއި، ލ. އަތޮޅާއި އަދި އެ ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ޚާއްސަކޮށް އެ ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިކަމުގެ މަންފާކުރާނެއެވެ.