އިނގިރޭސި ވިލާތާއި، ވިލާތު ގައުމުތަކުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯ ”ބޭން“ ކުރިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް މިފްކޯއިން ބުނެފި އެވެ.

ޔޫކޭ އާއި ޔޫރަޕްގައި މިފްކޯ ”ބްލެކްލިސްޓް“ ކޮށް ”ބޭން“ ކުރިކަމަށް ބުނެ، މީޑިއާއަކުން ގެނެސްދީފައިވާ ޚަބަަރަކާއި ގުޅިގެން މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވީ، އެ ޚަބަރުގައި ބުނެފައި އެވަނީ ”ފޭކް“ ނުވަތަ ދޮގު ވާހަކައެއް ކަމަށެވެ. އަދި، މިފްކޯ ބްލެކް ލިސްޓް އަދި ބޭން ކުރިކަމެއް ސަރުކާރަށްވެސް އަދި މިފްކޯއަށްވެސް އެނގިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީންވެސް ބުނީ އެއީ ދޮގު ޚަބަރެއް ކަމަށެވެ. ފިޝަރީޒް މިނިސްޓްރީން މި ނޫހާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، މިފްކޯ އަދި ރާއްޖޭގެ މަސް ޕްރޮސެސްކުރާ އެހެން ކުންފުންޏެއް ނުވަތަ އެއިން ކުންފުންޏެއްގެ އެއްވެސް އުފެއްދުމެއް ދުނިޔޭގެ އެއްވެސް ގައުމަކުން ނުވަތަ އެއްވެސް ކުންފުންޏަކުން ”ބްލެކްލިސްޓް“ ކޮށްފައި ނުވާކަމުގެ ޔަގީންކަން އަރުވާކަމަށެވެ.