ރ. އިންނަމާދޫގެ އިރު ދެކުނު ކަންމަތިން ލޮނުމަސް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ކުއްޔަށް ދިނުމަށް ނިންމާފައިވާ ބިންތައް ބީލަމަށް ހުޅުވާލައިފި އެވެ.
ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް 30 ފޫޓް ދިގު 20 ފޫޓް ފުޅާ (600 އަކަފޫޓް)ގެ 04 ބިން ކުއްޔަށް ދިނުމަށް އެރަށު ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ 8 ވަނަ ޖަލްސާގަ އެވެ. ލޮނުމަސް އެޅުމާއި ލޮނުމަހުގެ ވިޔަފާރިކުރުމުގެ އިތުރުން މަސްކައްކާ ހިއްކުމަށް ބޭނުންކުރެވޭގޮތަށް މިބިންތައް ދޫކުރުމަށް ނިންމާފައިވަނީ ފަސް އަހަރަށްވުރެ ދިގުނޫން މުއްދަތަކަށެވެ. ބިންތައް ކުއްޔަށް ދޭން ނިންމައި އެންމެ ފުރަތަމަ ބީލަމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައެެވެ. އެ ފަހަރު 4 ބިމުގެ ތެރެއިން 1 ނަންބަރު ބިން ވަނީ ކުއްޔަށް ދޫކޮށްފަ އެވެ.
ކުއްޔަށް ނުދީ ބާކީ އޮތް ތިން ބިން އަލުން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަނެއްކާވެސް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ. ކައުންސިލުން ބުނީ، ބީލަން އުސޫލުން ކުލީބިން ހޯދަން އެދޭ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާގެ އީ-މެއިލް: info@innamaadhoo.gov.mv އަށް މެއިލް ކުރުމުން ނުވަތަ ކައުންސިލްގެ ނަންބަރ: 7380052 އަށް ވައިބަރ ކުރުމުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.












