މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް ވައިގަދަވެފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައި ވެއެވެ. އެއިދާރާއިން ލަފާކުރާގޮތުގައި، ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުނަގާނީީ 4 – 7 ފޫޓް އުސްމިނުގައިކަމަށްވެސް ލަފާކޮށްފައި ވެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރުވެސް ވަނީ ވައި ގަދަވާނެކަމަށް ލަފާކޮށް ތ އަތޮޅުންފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް މިއަދު ހަވީރު 06:00 އާ ހަމަޔަށް ހުދު ސަމާލު ނެރެފައެވެ. އެއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޮށްނެވެ.












