ސަރުކާރުގެ މަސް ކުންފުނި(މިފްކޯ) އަށް މިދިޔަ މާޗް މަހު މަސް ވިއްކި އޮޑިފަހަރުތަކަށް 78.6މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުންނަމަ، މިދިޔަ މަހު 1068އޮޑިއަކުން ޖުމްލަ 4،414ޓަނުގެ މަސް މިފްކޯގެ އެކި ފެސިލިޓީތަކަށާއި، ބޯޓްފަހަރަށް ގަނެފައި ވެއެވެ. އަދި އޮޑިފަހަރުން މިފްކޯއިން ގަތް ތެލާއި އައިހަށް ކެނޑުމަށްފަހު ޖުމްލަ 78،778،405.00 ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައި ވެއެވެ.
މިދިޔަމަހު މިފްކޯއަށް އެންމެ ގިނަ އަދަދަކަށް ކިރާފައިވަނީ ކަޅުބިލަމަހެވެ. 781އޮޑިއަކުން 4،146ޓަނުގެ މަސްކިރާފައިވާއިރު، އެ އޮޑިފަހަރަށް 77،7މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.
މިފްކޯއިން މިދިޔަމަހު ގަތް ކަންނެލި މަހުގެ ތަފްސީލަށް ބަލާއިރު، 91އޮޑިއަކުން 10 ކިލޯއިން މަތީގެ 5.78ޓަނުގެ މަސް ގަނެފައިވެއެވެ. އަދި އެ މަހަށް ޖުމްލަ 115،600ރުފިޔާ ދޫކޮށްފައިވެއެވެ. މީގެއިތުރުން، 196އޮޑިއަކުން 15ކިލޯއިން މަތީގެ 40ޓަނުގެ މަސް ގަނެފައިވާއިރު، އެމަހަށް އެއް މިިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހާ އަޅާކިޔާއިރު، މާޗްމަހު މިފްކޯއަށް މަސްކިރުވި އަދަދުވަނީ ބޮޑުތަނުން އިތުރުވެފައެވެ. ފެބްރުއަރީމަހު 514އޮޑިއަކުން ޖުމްލަ 1،180.33ޓަނުގެ މަސް މިފްކޯގެ އެކި ފެސިލިޓީތަކަށާއި، ބޯޓްފަހަރަށް ގަނެފައި ވެއެވެ. އަދި އޮޑިފަހަރުން މިފްކޯއިން ގަތް ތެލާއި އައިހަށް ކެނޑުމަށްފަހު ޖުމްލަ 20،380،249.00 ރުފިޔާ އޮޑިފަހަރަށް ދޫކޮށްފައި ވެއެވެ.