ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަކުނި ފަލަކޮށްގެން ވިޔަފާރި އުޞޫލުން ބާޒާރަށް ނެރުމަށް "މަޑް ކްރެބް ފެޓަނިންގ" ޕައިލެޓް މަޝްރޫޢެއް ހިންގުމުގެ ހުއްދަދީފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ގއ. ފިޔޯރީގައި މި މަޝްރޫއު ހިންގުމުގެ ހުއްދަ ދީފައިވަނީ މެރިޓޯލް ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ކުންފުންޏަކަށް ކަމަށެވެ. ޢެގޮތުން، މި މަޝްރޫޢުގެ ދަށުން، ފިޔޯރީގެ "ކުޅިޔެ ވަޅަގަނޑޭ" ކުޅިން ނަގާ ކުދި ކަކުނި، ޚާއްޞަ ކޮށިތަކެއްގައި ބަލަހައްޓައިގެން ފަލަކޮށް، ވިޔަފާރި އުޞޫލުން ބާޒާރަށް ނެރެވޭނެ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ.

"މަޑް ކްރެބް ފެޓަނިންގ" އަކީ ކުޅިތަކުންނާއި ގުދުރަތީ މާހައުލުން ނަގާ މަސް މަދު، އެތެރޭގައި ފެން ގިނަ ކަކުނި (ވޯޓަރ ކްރެބްސް) ޚާއްޞަ ކޮށިތަކެއްގައި ނުވަތަ ކޭޖުތަކެއްގައި ބައިތިއްބައިގެން، ގަވާއިދުން ކާނާދީގެން ކުރު މުއްދަތެއްގެ ތެރޭގައި ފަލަކޮށް، މަސް ފުރުވައިގެން ބާޒާރުގައި އޭގެ އަގު އުފުލުމަށް ކުރެވޭ މެރިކަލްޗާގެ މަސައްކަތެކެވެ. މިއީ ކަކުނި އާލާކުރުމުގެ މުޅި މަރުޙަލާ ކުރިއަށްގެންދިއުމުގެ ބަދަލުގައި، ކަކުނީގެ މަސްފުރޭ ފެންވަރު އަވަސްކޮށް، ވިޔަފާރި ނަފާ އިތުރުކުރުމަށް ބޭނުންކުރާ ނިޒާމެކެވެ.

މިފަދަ ޕައިލެޓް މަޝްރޫޢުތަކަކީ ރާއްޖޭގައި މެރިކަލްޗާ ސިނާއަތް ފުޅާކޮށް، ރަށްރަށުގެ ނޭޗަރަލް ވަސީލަތްތައް ނަފާވެރި ގޮތެއްގައި ބޭނުންކޮށްގެން އިޤްތިޞާދީ ނަފާ އިތުރުކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ކުޅިތަކުގެ ދިރުންތަކަށް ގެއްލުންނުވާ ގޮތަށް، ދެމެހެއްޓެނިވި އުޞޫލުން އާމްދަނީ ހޯދޭނެ އައު ފުރުޞަތުތައް ފަހިވެގެންދާނެއެވެ.