ގއ. މާމުޓާ އިރުން 12 މޭލު ބޭރުގައި އޮތް ދޮށީގެ ކަނދުފަތި ކެނޑިގެން އޮޔާދިއުމާ ގުޅިގެން، އެ ސަރަޙައްދުގައި އަލުން ދޮށީ ކަނދުފައްޗެއް މިއަދު ގާއިމުކޮށްފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، O10D01-01 ނަންބަރު ދީފައިވާ މި ކަނދުފަތި އަޅާފައިވަނީ ގއ. އަތޮޅާއި އެ ސަރަޙައްދުގެ މަސްވެރިންނަށް ކަނޑުމަތީގައި މަސް އައިނު ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީގެ ފަންނީ ޓީމުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މާމުޓާ ކަނދުފަތީގެ އިތުރުން ގއ އަތޮޅުގައި އިތުރު 5 ދޮށީ ކަނދުފަތި އޮވެއެވެ. ގއ އަތޮޅަކީ ދޮށީގެ މަސްވެރިކަމުގެ މައި މަރުކަޒެވެ. ރާއްޖޭގެ އެންމެ ގިނަ އުޅަނދުތައް މަސްވެރިކަމުގެ ހަރަކާތްތަކުގައި އެންމެ ގިނައިން ހަރަކާތްތެރިވަނީވެސް ހުވަދުއަތޮޅުގައެވެ. އެހެންކަމުން ކެނޑިގެން އޮޔާދާ ކަނދުފަތިތައް ވީއެންމެ އަވަހަކަށް އަލުން ގާއިމުކުރުމަކީ މަސްވެރިން މަސް އައިނު ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ރާއްޖޭގެ ދޮށީ ކަނދުފަތީގެ ވިއުގައަށް ބަލާއިރު މިވަގުތު 66 ދޮށީ ކަނދުފަތި އެބައޮތެވެ.











