ލ. މާބައިދޫ އިރުން 11 މޭލު ބޭރުގައި އޮތް ދޮށީ ކަނދުފަތި ކެނޑިގެން އޮޔާދިއުމާ ގުޅިގެން، އެ ސަރަޙައްދުގައި މިއަދު އަލުން ކަނދުފައްޗެއް ގާއިމުކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، L10D01-01 ނަންބަރު ދީފައިވާ މި ކަނދުފަތި މިއަދު އަޅާފައިވަނީ އެންމެ ފަހުން 11 ފެބްރުއަރީ 2024 ގައިވެސް އެ ކަނދުފަތި ގާއިމުކުރެވިފައިވި ސީދާ ލޮކޭޝަންގައެވެ. މިއީ ލ. އަތޮޅާއި އެ ސަރަޙައްދުގެ މަސްވެރިންނަށް ކަނޑުމަތީގައި މަސް އައިނު ހޯދުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދިޔަ އަވަސް އޮޕަރޭޝަނެކެވެ.
މި މަސައްކަތަކީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނދުފަތިތައް މަރާމާތުކޮށް، އާ ކަނދުފަތިތައް ގާއިމުކުރުމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަންނީ ޓީމުން ކުރިއަށްގެންދާ ޚާއްޞަ ދަތުރުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. އެގޮތުން އިއްޔެ ވަނީ ތ. ގުރައިދޫ އިރުދެކުނުން 9 މޭލު ބޭރުގައި އޮތް ކަނދުފަތި ކެނޑިގެން އޮޔާދިއުމާ ގުޅިގެން، އެ ސަރަޙައްދުގައި ކަނދުފަތި އަލުން ގާއިމުކޮށްފައެވެ. އަދި ތ. އަތޮޅުގެ ކުރިން މިނިސްޓްރީގެ ޓީމުން ވަނީ މ އަތޮޅަށް ޒިޔާރަތްކޮށް، އެ އަތޮޅުގައިވެސް ކަނޑައިގެން ގޮސްފައިވާ 2 ދޮށީ ކަނދުފަތި އަލުން ގާއިމުކޮށްފައެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅާ މިފަދަ ކަނދުފަތިތައް އަލުން ގާއިމުކުރެވިގެންދިއުމާއެކު، މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ބޮޑެތި ލުއިފަސޭހަތަކެއް ވެގެންދާނެއެވެ. މީގެ ސަބަބުން މަސް އައިނު ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
ދޮށީގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ މަސްވެރިކަމަކަށްވާތީ، ގާއިމުކުރެވޭ މި ކަނދުފަތިތަކަކީ ކަނޑުގެ ދިރުންތަކަށް ގެއްލުން ނުވާގޮތަށް އެންމެ ފެންވަރު ރަނގަޅު ކަޅުބިލަމަސް ހިފުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއްކަމަށް އެ މިނިސްޓްރީން ބުނެއެވެ.