މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީގެ ފަންނީ ޓީމުން ތ. ގުރައިދޫ އިރުދެކުނުން 9 މޭލު ބޭރުގައި ދޮށީ ކަނޑުފައްޗެއް އަޅައިފި އެވެ.
ޢެ ވުޒާރާގެ ފަންނީ ޓީމުން މިއަދު މި ކަނދުފަތި އަލުން އަޅާފައިވަނީ ކުރިން އެ ސަރަޙައްދުގައި އޮތް ދޮށީ ކަނދުފަތި ކެނޑިގެން އޮޔާ ދިއުމާ ގުޅިގެންނެވެ. އެ ސަރަޙައްދުގައި އެންމެ ފަހުން ދޮށީ ކަނދުފައްޗެއް އަޅާފައިވަނީ އޮގަސްޓު 2020 ގައެވެ. އަަލުން އެޅި ދޮށީ ކަނދުފަތީގެ ނަންބަރަކީ L09D04 އެވެ.
މި މަސައްކަތަކީ މެދުއަތޮޅުތަކުގެ ކަނދުފަތިތައް މަރާމާތުކޮށް، އާ ކަނދުފަތިތައް ޤާއިމުކުރުމަށް މިނިސްޓްރީގެ ފަންނީ ޓީމުން ކުރަމުންދާ ދަތުރުގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. ތ. އަތޮޅަށް ދިއުމުގެ ކުރިން މިނިސްޓްރީގެ ޓީމުން ވަނީ މީމު އަތޮޅަށް ޒިޔާރަތްކޮށް، އެ އަތޮޅުގައިވެސް 2 ކަނދުފަތި ޤާއިމުކޮށްފައެވެ.
ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅާ މިފަދަ ކަނދުފަތިތައް އަލުން ގާއިމުކުރެވިގެންދިއުމާއެކު، ތ. އަތޮޅާއި މެދުއަތޮޅުތަކުގައި ދޮށީގެ މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ވެގެންދާނެއެވެ. އެގޮތުން، މަސް އައިނު ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ހޭދަ ކުޑަކުުރުމަށް މަގުފަހިވެގެންދާނެއެެވެ.
ދޮށީގެ މަސްވެރިކަމަކީ، ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވިގޮތެގައި ކުރަމުން އަންނަ މަސްވެރިކަމެކެވެ. ޢެހެންކަމުން ގާއިމުކުރެވޭ ކަނދުފަތިތަކަކީ، އެހެން ކަނޑުގެ ދިރުންތަކަށް ގެއްލުން ނުވާ، އަދި އެންމެ ފެންވަރު ރަނގަޅު ކަޅުބިލަމަަސް ހިފުމަށް މަގުފަހިކޮށްދޭ އެންމެ ދެމެހެއްޓެނިވި ވަސީލަތެކެވެ.











