ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޭރުން، ބޭރުގެ މަސްބޯޓުފަހަރުން ބޮޑެތި ދާ އަޅައިގެން ނަގާ މަހުން އެހެން ޤައުމުތަކުގެ ބާޒާރުން ބޮޑު އާމްދަނީއެއް ހޯދަމުންދާއިރު، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރާ ދިވެހި މަސްވެރިން ބާނާ މަހަށް ބައިނަލްއަޤްވާމީ ބާޒާރުގައި ޙައްޤުވާ ޕްރީމިއަމް އަގު ނުލިބޭ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ބޭއްވި "އަހާ" ފޯރަމްގެ 7 ވަނަ އެޑިޝަންގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވަނީ ބައިނަލްއަޤްވާމީ ގޮތުން ހިންގާ ޣައިރުޤާނޫނީ މަސްވެރިކަމާ މެދުގައާއި، ދުނިޔޭގެ ބާޒާރުގައި ދެމެހެއްޓެނިވި މަސްވެރިކަމުގެ ސެޓިފިކެޓްތައް ދޫކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އީ.ޒެޑުން ބޭރުގެ މަސްވެރިކަމާއި ދިވެހި ދެމެހެއްޓެނިވި އާދަކާދަ
ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ހިންގާ ތިމާވެއްޓަށް ގެއްލުންހުރި މަސްވެރިކަމުގެ ތަފާތު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި ޤަބޫލުކުރާ މަސްވެރިކަމުގެ ތެރެއަށް ފެތޭ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ދިވެހިރާއްޖޭގައި ނުކުރާ ކަމަށެވެ.
"ދުނިޔޭގެ ކަންކޮޅުތަކުގައި ގަބޫލުކުރާ މަސްވެރިކަމެއް ނޫން އަޅުގަނޑުމެން މިއުޅޭ އައި.ޔޫ.ޔޫ ފިޝިންގ އަށް ފެތޭ މަސްވެރިކަމަކީ. އަދި ދިވެހިރާއްޖޭގައި އަޅުގަނޑުމެން ކުރާ މަސްވެރިކަމެއް ނޫން އެއީ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އީއީޒެޑުން ބޭރުން ބޮޑެތި ދާ އަޅައިގެން ނަގާ މަސް އެހެން ޤައުމުތަކަށް ގެންގޮސް ޕްރޮސެސްކޮށްގެން އެ ޤައުމުތަކުން ބޮޑު އާމްދަނީއެއް ވަައްދައެވެ. އެހެންކަމުން، ރާއްޖޭގެ އީއީޒެޑުން ނަގާ މަސް ދިވެހިރާއްޖެއަށް (މިސާލަކަށް އައްޑޫ ސިޓީ ފަދަ ސަރަޙައްދުތަކަށް) ލޭންޑްކޮށް، ޕްރޮސެސްކޮށްގެން ރާއްޖެއަށް އާމްދަނީ ހޯދުމުގެ ވިސްނުމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕޯލް އެންޑް ލައިން (ދޮށީގެ މަސްވެރިކަން) އެއީ އަޅުގަނޑުމެންގެ ޖެނެރޭޝަން ނޫނިއްޔާމު ކަންނެލި މަސްވެރިކަމުގައި އަދި ކަންނެލީގައި އަޅުގަނޑުމެން މި ބާނަނީ އަތުނުނުގައި. މީ ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭ މަސްވެރިކަން. އަޅުގަނޑުމެން މިގޮތަށް ތިމާވެއްޓަށް ގެއްލުން ނުދީ މަސްވެރިކަން ކުރާތާ އެތައް އަހަރެއް ވެއްޖެ. ގަރުނުތަކެއް ވެއްޖެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ސެޓިފިކޭޝަންތައް އާންމުވުމާއި މާރުކޭޓުގެ އަގު
ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި ކަންނެލި މަސްވެރިކަމަކީ މެރިން ސްޓެވާޑްޝިޕް ކައުންސިލް (އެމް.އެސް.ސީ) ސެޓިފައިޑް މަސްވެރިކަމެއް ކަމުގައިވީ ނަމަވެސް، ދުނިޔޭގެ ބައެއް ލޮބީ ގްރޫޕްތަކުގެ ސަބަބުން އެހެން ބާވަތްތަކުގެ މަސްވެރިކަމަށްވެސް މިފަދަ ސެޓިފިކޭޝަންތައް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމުން ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ޙައްޤު ޕްރީމިއަމް އަގު ދުނިޔޭގެ ވާދަވެރި ބާޒާރުގައި ނުލިބޭކަމުގެ ކަންބޮޑުވުން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
"އެހެން ގައުމުތަކުގައި ދެމެހެއްޓެނިވި މިކަހަލަ މަސްވެރިކަމެއް ނުކުރެވޭތީއާއެކީގައި، އެހެން ބާވަތްތަކުގެ މަސްވެރިކަމަށް އެބަ އެމް.އެސް.ސީ ސެޓިފިކޭޝަންތައް ލިބޭ މިއަދު. އެހެންވީމާ އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި މަސްވެރިކަމުގައި މިއޮއް ޒަމާންތަކަކަށް ވަންދެން މިތިބި ތިބުމުން އަޅުގަނޑުމެންނަށް ހަގީގަތުގައި ލިބެންވާ އަގު — އެ ޕްރީމިއަމް އަޅުގަނޑުމެންނަކަށް ނުލިބޭ،" ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި މަސްވެރިންގެ ނަފާ
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ މަތީ ފަށަލައިގައި ކުރާ މަސްވެރިކަން ދަށްވަމުންދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަސްވެރިކަމަކީ ރާއްޖޭގެ އެތައް އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ސިނާއަތް ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ލޭނު މަސްވެރިކަމަށް ދިއުމުގެ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އޭގެ ސަބަބުން އާންމު މަސްވެރިންނަށް ދެރައެއް ލިބިދާނެތީ ރައީސުލްޖުމްހޫރިއްޔާ އެކަން އިހަށް މަޑުޖައްސަވާލެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމްގެ ޖަވާބު ނިންމަވާލެއްވީ، ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން ލިބޭ އާމްދަނީ އިތުރުކުރުމާއެކު، ދިވެހިންގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އާދަކާދައާއި މަސްވެރި އާއިލާތަކުގެ މަޞްލަޙަތު ހިމާޔަތްކުރެވޭނެ ފަދަ ހަމަހަމަ ބެލެންސްއެއް ހޯދުމަށް އެންމެން ގުޅިގެން މަޝްވަރާކުރުން މުހިންމު ކަމަށް ވިދާޅުވަމުންނެވެ.