މިފްކޯއިން ބޭރުގެ ބާޒާރުތަކަށް އެކްސްޕޯޓްކުރާ މަސް ރިޖެކްޓްވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް މިރޭ ބޭއްވި 'އަހާ' ފޯރަމްގައި ކުރިމަތިވި ސުވާލަކަށް ޖަވާބުދެއްވަމުން، ވަޒީރު ޝިޔާމް ވިދާޅުވީ، މީގެ ކުރިން މަސް އެކްސްޕޯޓްކުރާއިރު އާންމުކޮށް ރިޖެކްޓްވާ މިންވަރަށްވުރެ އިތުރަށް—10 އިންސައްތައާއި 12 އިންސައްތައާ ދެމެދުގެ އަދަދަކަށް—މަސް ރިޖެކްޓްވެ، އޭގެ ވާނުވާ ނޭނގި ދިއުމުގެ މައްސަލަތަކެއް ހިނގަމުންދިޔަކަމަށެވެ. އަދި އެއީ ބުއްދި ގަބޫލުނުކުރެވޭ ކަންތައްތަކެއް ކަމަށާއި، އެކަމުގައި ޝައްކުތަކެއް އަބަދުވެސް އޮންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން މިފްކޯގެ ހިންގުން ހަރުދަނާކޮށް، މިހާރު އެކަން މުޅިން ބަދަލުކޮށްފައިވާކަމަށާއި، ދެން މިފްކޯއިން ބޭރުގެ ބާޒާރަށް އެކްސްޕޯޓްކުރާ މަސް ރިޖެކްޓްވުމުގެ ފުރުސަތެއް ނޯންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއަދު އެކަހަލަ ގޮތަކަށް(ރިޖެކްޓްވާގޮތަށް) މިފްކޯގެ ޝިޕްމަންޓެއް ބޭރެއް ނުވާނެ އިނގޭތޯ. މަސްގަންނަ ކުންފުނިން ދިވެހިރާއްޖޭގެ ބަނދަރުގައި، މިފްކޯގެ ނޫނިއާ އެ ކެރިއާއެއް އެ ލޯޑުކުރާ ބަނދަރެއްގައި ހުންނާނީ އެ މަސް އިންސްޕެކްޓް ކުރަން. އެހެންވީމާ އެހިސާބުން ރިޖެކްޓްވާ އެއްޗެއްވެއްޖިއްޔާ ރިޖެކްޓްވާނީ. އޭގެ މާނައަކީ މިފްކޯގެ ބުކްގައި އެ މަހެއް ބޭރެއް ނުވާނެއޭ... ރިޖެކްޓްވާކަށް އިނގޭތޯ؟ އެގޮތަށް އަޅުގަނޑުމެން މި އަމަލުކުރަނީ." ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސް އެކްސްޕޯޓް ކުރުމުގައި ދިމާވާ މިފަދަ މައްސަލަތަކުގެ ފަހަތުގައި ވަރުގަދަ ނެޓްވޯކްތަކެއް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ނެޓްވޯކްތައް ރޫޅާލައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭނީ ކުރާ މަސައްކަތުގައި ތެދުވެރިވެގެން ކަމަށެވެ. ޢަދި މިފްކޯގެ ހިންގުމަށް މި ގެނެވުނު އިސްލާހީ ބަދަލާއެކު އެކުންފުނީގެ މަސައްކަތްތައް އިތުރަށް ހާމަކަން ބޮޑުވެ، މަސް ރިޖެކްޓްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.