މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ހިންގާ މުހިންމު ދެ މަޝްރޫއެއްގެ ކަންކަން އަވަސްކުރުމާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ ބަންގްލަދޭޝްގެ ކަލްކަޓާ އޮފީހުގެ އިސް މަސްއޫލުވެރިއާ އަލީ މުހައްމަދު ހާންއާއެކު އިއްޔެ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފިޝަރީޒް މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އައިއެސްޑީބީގެ އެހީގައި ކުރިއަށްގެންދާ އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާއި، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރާއި، އެ މަޝްރޫއުތައް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ. މި ދެ މަޝްރޫއަކީ މަސް ދޯނިފަހަރުގައި މަސް ތާޒާކަމާއެކު ބެހެއްޓުމުގެ ނިޒާމުތައް ހަރުދަނާކުރުމަށާއި، މަސް ބަންދުކުރާ ވަސީލަތްތައް ތަރައްގީކޮށް، ދާއިރާގެ އިންސާނީ އަދި ފަންނީ ގާބިލުކަން ދިގުމުއްދަތަކަށް ވަރުގަދަކުރުމަށް ރޭވިފައިވާ މަޝްރޫއުތަކެކެވެ.












