މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކޮށް، މަސްވެރިން ބާނާ މަސް ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފަރާތުން މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު އެވެ. މިއީ ރަށްރަށުގެ މަސްވެރިކަމުގެ އިމާރާތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް (ޕީއެސްއައި) މޮޑެލްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މަޝްރޫއުގެ ދާއިރާއާއި ގާއިމުކުރެވޭ ވަސީލަތްތައް
މި މަޝްރޫއުގެ ދަށުން ކޯލްޑް ސްޓޯރޭޖުގެ އިތުރުން، މަސް ކަނޑައި، ފްރީޒްކޮށް، ބަންދުކުރުމަށް ބޭނުންވާ ޒަމާނީ އެކި ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.
މައިގަނޑު ވަސީލަތްތައް: 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމަކާއި، މަސް ޕްރޮސެސްކުރުމަށް ހާއްސަ ސަރަހައްދެއްގެ އިތުރުން ކޮމްޕްރެސަރު ރޫމެއް.
އެހެނިހެން މަސައްކަތްތައް: ސައިޓުގެ ތަރައްގީގެ އެންމެހާ މަސައްކަތްތަކާއި، ކަރަންޓު ވިއުގަ ގާއިމުކުރުމާއި، ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމުގެ އިތުރުން އެކްސްޓްރާ ލޯ ވޯލްޓޭޖް (އީއެލްވީ) ނިޒާމުތައް ގާއިމުކުރުން.
ހިރިލަންދޫގެ މަސްވެރިކަމަށް ލިބޭނެ ކުރިއެރުން
1,146 މީހުންގެ އާބާދީއެއް އޮންނަ ހިރިލަންދޫއަކީ ތ.ތޮޅުގެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ބޮޑު ރަށެކެވެ. އެ ރަށުން އާންމު ދުވަސްތަކުގައި ދުވާލަކު 30 ޓަނުގެ މަސް، އަދި މަސްވެރިކަން ރަނގަޅު ދުވަސްވަރު 50 ޓަނަށްވުރެ ގިނަ މަސް ބާނައެވެ. މީގެއިތުރުން، އެ ރަށުގައި 10 އަށްވުރެ ގިނަ ފަރާތުން އަންނަނީ މަސް ކެއްކުމާއި ހިއްކުމުގެ އިތުރުން މަހުގެ އެކި އުފެއްދުންތައް އުފެއްދުމުގެ މާކެޓުގައި ހަރަކާތްތެރިވަމުންނެވެ.
މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި، މި ކޯލްޑް ސްޓޯރޭޖް ގާއިމުކުރެވުމާއެކު ރަށުގެ މަސްވެރިކަމަށް ތިން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މަހުގެ ތާޒާކަން ދެމެހެއްޓުން: ބާނާ ކަޅުބިލަމަހާއި ފަރުމަހުގެ ތާޒާކަން ނުގެއްލި، ގިނަ ދުވަހު ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ރޯމަސް މެދުކެނޑުމެއްނެތި ލިބުން: ރަށުގައި މަސް ކެއްކައި ހިއްކާ ފަރާތްތަކަށް މަސްވެރިކަން ދަށް ދުވަސްވަރުވެސް މެދުކެނޑުމެއްނެތި ރޯމަސް ލިބޭނެ މަގުފަހިވާނެއެވެ.
އުފެއްދުންތެރިކަން އިތުރުވުން: ކުދި އަދި މެދުފަންތީގެ މަސް އުފައްދާ ފަރާތްތަކަށް އުފެއްދުންތެރިކަން އިތުރުކޮށް، އެތެރޭގެ އަދި ބޭރުގެ މާކެޓްތަކަށް އުފެއްދުންތައް ފޮނުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ތ. ހިރިލަންދޫގައި މަސް ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. ޟުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހިރިލަންދޫގައި ގާއިމުކުރެވޭ މި ކޯލްޑް ސްޓޯރޭޖަކީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ރައްކާކުރުމާއި ފިނިކުރެވޭނެ އިންފްރާސްޓްރަކްޗަރ ގާމުކޮށް، މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ މަޝްރޫއުގެ މުހިންމު ބަޔެކެވެ.