މ. މުލީ ކައިރީގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ގޮސްފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ދެއްވައިފިއެވެ.
މިނިސްޓަރު މިފަދައިން ޔަގީންކަން ދެއްވީ މ. މުލީ ކައުންސިލާއެކު މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މުލީ ކަނދުފަތި ކަނޑައިގެން ދިއުމުގެ ސަބަބުން ރަށުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހިއްސާކޮށް، އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ. ޢަދި ވަޒީރުވަނީ ކަނދުފަތީގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ކައުންސިލް މެންބަރުންނަށް އަރުވާފައެވެ.
މީގެއިތުރުން، މުލީގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާ ގުޅޭގޮތުންނާއި، މި ދާއިރާތައް ފުޅާކުރުމަށް ދޫކުރާ ޚާއްޞަ ލޯނު އެހީތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި މިނިސްޓްރީން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކުގެ ތަފްސީލީ މައުލޫމާތުވެސް ކައުންސިލާ ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ އާމިނަތު ހުސައިން ޝަރީފާއި، ސްޓޭޓް މިނިސްޓަރު މުއްތަލިބްގެ އިތުރުން މިނިސްޓްރީގެ އިސް مسؤولުންނާއި މ. މުލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.