ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްއިން އިންތިޒާމުކޮށްގެން އިންޑިއާގެ ވިޝާކަޕަޓްނަމްގައި ކުރިއަށްދިޔަ ކަނޑުމަތީގެ ޤާނޫނާ ޚިލާފު ހަރަކާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ޕްރޮގްރާމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެވަޑައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭގޮތުގައި، ސެޕްޓެމްބަރު 9 އިން 11 އަށް ކުރިއަށްދިޔަ "ކޯޑިނޭޓެޑް ރެސްޕޮންސް ޓު އިލިސިޓް މެރިޓައިމް އެކްޓިވިޓީސް އިން ދަ އިންޑިއަން އޯޝަން ރީޖަން" ނަމަކަށް ކިޔާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައިވަނީ މެރިން ޕޮލިސްގައި މަސައްކަތްކުރައްވާ އިންސްޕެކްޓަރ އޮފް ޕޮލިސް ނަދީމް ޙަބީބާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޒަހީރު ޢީސާއެވެ.
މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ޤާއިމުކޮށް، މެރިޓައިމް ޑޮމެއިން އެވެއަރނަސް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ބޭނުމުގައި ހިންގުނު މި ޕްރޮގްރާމްގެ ތެރެއިން، ކަނޑުމަތީގައި ހިންގާ ޤާނޫނާ ޚިލާފު ކަންކަމުގައި ބައިވެރިވާ އުޅަނދުފަހަރު ހުއްޓުވުމަށާއި ދަޢުވާ އުފުލުމުގައި ބޭނުންކުރާ ޤާނޫނީ އޮނިގަނޑުތަކާއި އިޖުރާއާތުތައް ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ކަނޑުގެ ސިފައިންނާއި، ކޯސްޓްގާޑާއި، ކަސްޓަމްސްއާއި، އިންޓެލިޖެންސް އިދާރާތަކާއި ކަނޑުމަތީގެ ޤާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ޢަމަލީގޮތުން ޕްރެކްޓިސް ކޮށްފައިވެއެވެ.
މީގެއިތުރުން، ބޯޑަރު ހުރަސްކޮށް ހިންގާ ކަނޑުމަތީގެ ކުށްތަކަށް އެޓެންޑްވުމުގައި ޢަމަލުކުރާނެ އެއް އުސޫލުތަކެއް ކަނޑައެޅުމަށާއި، އޮޕަރޭޝަނަލް ދާއިރާތަކުގައި ހުރި ދަތިތައް ދެނެގަނެ، ބައިނަލްއަޤުވާމީ ފެންވަރުގައި ކަނޑުގެ ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތަކާއި ތަޖުރިބާތައް ބައިވެރިންގެ މެދުގައި ޙިއްސާކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.