ށ. ފީވަކުގައި ޒަމާނީ ފެންވަރުގެ މަސް ޖެޓީއެއް އެޅުމަށް ބޭނުންވާ ކުރެހުންތަކާއި، ކޮންސެޕްޓް ޑިޒައިނާއި، ބީ.އޯ.ކިއު އަދި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފީވަކު ކައުންސިލުން އިއުލާނުކޮށްފިއެވެ.
ކައުންސިލުން ހާމަކުރާގޮތުގައި، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 300 ފޫޓުގެ ދިގުމިނާއި 40 ފޫޓުގެ ޓީ-ޖެޓީއެއް އެކުލެވޭ މަސް ޖެޓީއެކެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަެވެ.
ބީލަމުގައި ބައިވެރިވުމާއި ސުންގަޑި:
ރަޖިސްޓްރީވުން: ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް، ސެޕްޓެންބަރު 24، 2026 ގެ 12:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު އޮންނާނެއެވެ. ރަޖިސްޓްރީވާން އެދޭ ފޯމު ކައުންސިލް އިދާރާއަށް ހުށަހަޅަންޖެހޭއިރު، info@feevah.gov.mv އަށް މެއިލް ކޮށްގެންވެސް ރަޖިސްޓްރީވެވޭނެއެވެ.
މަޢުލޫމާތު ދިނުން: މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ ސެޕްޓެންބަރު 24، 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި ފީވަކު ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
ބީލަން ހުށަހެޅުން: ބީލަން ހުށަހެޅުމާއި ބީލަން ކެނޑުން އޮންނާނީ ސެޕްޓެންބަރު 29، 2026 ވާ އަންގާރަ ދުވަހުގެ 13:30 ގައި ފީވަކު ކައުންސިލްގެ އިދާރާގައެވެ.
ކައުންސިލުން ބަޔާންކޮށްފައިވާގޮތުގައި، މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. މި މަޝްރޫޢާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު 6540046 އަށް ގުޅުއްވުމަށް ކައުންސިލުން އެދިފައިވެއެވެ.