އެމްއެންޑީއެފް ކޯސްޓްގާޑާއި އއ. ފެރިދޫ ކައުންސިލް ގުޅިގެން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން "ނިޔަމިކަމުގެ ސެޓްފިކެޓް-2" ކޯސް އެރަށުގައި ފަށައިފިއެވެ.
ސެޕްޓެންބަރު 19 އިން 22 އަށް ކުރިއަށްގެންދާ މި ޚާއްޞަ ކޯހަކީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ދުއްވާ ކެޕްޓަނުންނާއި ފަޅުވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެމްއެންޑީއެފުން ހާމަކުރައްވާފައިވާގޮތުގައި، ފެރިދޫގެ 26 މީހަކު ބައިވެރިވާ މި ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޓްރޭނިންގ ސްކޫލުގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
މި ކޯހުގެ ތެރެއިން ބައިވެރިންނަށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަންދޭންވީ މުހިންމު ކަންތައްތަކާއި، ކަނޑުމަތީގެ ޤަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ގޮތްތަ އުނގަންނައިދެވޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެއިތުރުން، ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މުވާޞަލާތުކުރުމަށް އާންމުކޮށް ބޭނުންކުރާ އާލާތްތަކުގެ މަޢުލޫމާތު ހިމެނޭހެން ކަނޑުދަތުރުކުރުމާ ގުޅުންހުރި ތަފާތު މުހިންމު ބައިތައް ކިޔަވައިދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.











