ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން އިންތިޒާމުކޮށްގެން ސްރީލަންކާގެ ކޮލޮމްބޯގައި ބޭއްވި "ރީޖަނަލް ވާރކްޝޮޕް އޮން މެރިޓައިމް ޑޮމެއިން އެވެއަރނަސް އޭޒް ޑިޖިޓަލް އެވިޑެންސް" މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ، ސެޕްޓެމްބަރު 13 އިން 15 ގެ ނިޔަލަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ސަރަހައްދީ މަސައްކަތު ބައްދަލުވުމުގައި އެ ޚިދުމަތް ތަމްސީލުކުރެއްވީ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޡް އިބްރާހީމް ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމަކީ މެރިޓައިމް ޑޮމެއިން އެވެއަރނަސް އާއި ޑިޖިޓަލް ހެކިތަކާ ގުޅޭގޮތުން ޔޫއެންއޯޑީސީން އެކުލަވާލާފައިވާ އަތްމަތީ ފޮތަށް އަހުލުވެރިކުރުވައި، ކަނޑުމަތީގެ ކުށްތަކާއި، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަމުގެ މައްސަލަތަކުގެ އިތުރުން ކަނޑުގެ ތިމާވެށި ތަގައްޔަރުވުމާ ގުޅޭ މައްސަލަތައް ތަހުގީގުކުރުމުގައި އޭގެ ބޭނުން ހިފުމަށް ބޭއްވި ބައްދަލުވުމެކެވެ. މީގެއިތުރުން އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް)، ވެސެލް މޮނިޓަރިންގ ސިސްޓަމް (ވީއެމްއެސް)، ސެޓެލައިޓް ފޮޓޯ، ރާޑަރު އަދި ޑްރިފްޓް މޮޑެލިންގ ފަދަ ޑިޖިޓަލް ވަސީލަތްތަކުން ލިބޭ ޑޭޓާ ކޯޓުތަކުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެ ގޮތްތަކާ މެދު މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިފަދަ ޑިޖިޓަލް ހެކި ޝަރުޢީ މަރުހަލާތަކަށާއި ކަމާބެހޭ އިދާރާތަކަށް ބަލައިގަތުމުގައި ދިމާވާ ގާނޫނީ، އިޖުރާއީ އަދި ފަންނީ ހުރަސްތައް ނައްތާލުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ކަނޑުމަތީގެ ޑިޖިޓަލް ހެކި އެއްކުރުމާއި، ރައްކާތެރިކުރުމާއި، އޭގެ ސައްހަކަން ކަށަވަރުކުރުމުގެ ބައިނަލްއަގުވާމީ އަދި ސަރަހައްދީ މިންގަނޑުތަކުގެ ތަޖުރިބާ ބައިވެރިންގެ މެދުގައި ވަނީ ހިއްސާކޮށްފައެވެ.