ދުނިޔޭގެ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު ކަނޑުއޮޅިތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ކޯލިޝަނުގެ ޗާޓަރުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އޮނަރަބަލް އިރުތިޝާމް އާދަމް އަދި ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސިފައިންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެއްދި މި ކޯލިޝަނުގެ މައިގަނޑު މަޤްޞަދަކީ ބާބިލް މަންދެބް ކަނޑުއޮޅިއާއި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ފުރުސަތު ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކުގެ ސަލާމަތް ދެމެހެއްޓުމެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއާ އެކު ގާތްގުޅުން އޮންނަ ޤައުމުތައް ބައިވެރިވާ މި ކޯލިޝަނާ ގުޅުމުން ދެ ޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް، ދިވެހިރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް ޤައުމީ ދިފާޢީ ބާރުން ހާމަކުރެއެވެ.