މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ދިވެހިރާއްޖޭގައި އާ ބާވަތެއްގެ މަސްވެރިކަން ތައާރަފުކުރުވުމުގެ މަގުސަދުގައި ކުރިޔަށްގެންދާ "ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން" ޕްރޮގްރާމް ފަށައިފިއެވެ.
މިނިސްޓްރީން ބުނީ މިފަހަރުގެ ތަމްރީން ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދެކުނުގެ އަތޮޅުތަކަށްކަމަށެވެ. އެގޮތުން ޕްރޮގްރާމްގެ ފުރަތަމަ ބުރު މިމަހުގެ 14 ވަނަ ދުވަހު ފުވައްމުލައް ސިޓިގައި ވަނީ ފަށާފައެވެ. 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި ޕްރޮގްރާމުގައި 14 ފަރާތަކުން ބައިވެރިވެފައިވެއެވެ. އަދި މި ތަމްރީނުގެ ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގދ. ފިޔޯރީގައިކަމަށް މިނިސްޓްރީން ބުންޏެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނުގައި ތިއަރީ ސެޝަންތަކާއި އަމަލީ ތަޖުރިބާގެ ބައިތައް ހިމެނެއެވެ. އެގޮތުން ތުތި ބޯވަދިލަމަސް ބާނާނެ ގޮތްތަކާއި، އަމިއްލަ ވިޔަފާރި ފެށުމާއި، ވިޔަފާރީގެ ވައްތަރުތަކާއި، މާކެޓް ސާވޭ ކުރުމާއި މާކެޓްކުރުން އަދި ހިސާބު ބަލަހައްޓާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެއެވެ.
ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދެއްވާ ގޮތުގައި، މި ތަމްރީނުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އާދަވެގެން ކުރަމުން އަންނަ މަސްވެރިކަމުގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުވުމެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނުވެރިން މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވާ މި ތަމްރީން ޕްރޮގްރާމްތަކަކީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ތަމްރީނެކެވެ. މި އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކަށް އެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ ޖޫން މަހުގެ 25 އިން ޖުލައި 15 ގެ ނިޔަލަށެވެ.











