ތައިލެންޑުގެ ބެންކޮކުގައި މިހާރު ކުރިއަށްދާ 19 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަން (ޓޫނާ 2026) ގެ ތެރެއިން، އިއްޔެ މެންދުރުފަހު އޮތް ޚާއްޞަ ސެޝަނެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސްޓްރެޓީޖިކް ކޮންސަލްޓަންޓް އިބްރާހިމް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެން، ބައިނަލްއަގުވާމީ ބްލޫ އިކޮނޮމީގެ މަޝްވަރާތަކުގެ އިސް ސަފަށް ރާއްޖޭގެ ސަގާފީ ދޮށީގެ މަސްވެރިކަން ގެނެސްދެއްވައިފިއެވެ.
މި ހުށަހެޅުން ކުރިއަށް ގެންގޮސްފައިވަނީ ތައި ޓޫނާ އިންޑަސްޓްރީ އެސޯސިއޭޝަންގެ އެޑްވައިޒަރ ޑރ. އަދިސޯން ޕްރޮމްތެޕް މޮޑެރޭޓް ކުރެއްވި ސެޝަން-2 ގެ ޕާޓް ބީ ("ރީޖަނަލް ވެލިއު-އެޑިޝަން އެންޑް ބްލޫ އިކޮނޮމީ އޮޕޮޗޫނިޓީސް") ގައެވެ.
"ޕޯލް އެންޑް ލައިން: އިޓްސް ވަޓް ވީ ޑޫ އިން ދަ މޯލްޑިވްސް" މި މައުޟޫއަށް ވާހަކަދައްކަވަމުން އާތިފް ވަނީ ދިވެހިންގެ ޒަމާންވީ މަސްވެރިކަމުގެ ސަގާފަތް ބައިނަލްއަގުވާމީ ސީފުޑް އެގްޒެކެޓިވުންނަށާއި، ދިރާސާވެރިންނަށް އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހިއްސާކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެހެން ދިރުންތަކަށް ގެއްލުން ނުވާގޮތަށް އެއް މަސް އެއް ދޮށިން ބާނާ ދިވެހި މަސްވެރިކަމަކީ ހަމައެކަނި ވިޔަފާރިއެއް ނޫން ކަމަށާއި، އެއީ ކަނޑުތައް ހިމާޔަތްކުރުމުގެ ހަގީގީ ނަމޫނާއެކެވެ. އަދި ދިވެހި މަސްވެރިން ހިފަހައްޓަމުންދާ ތިމާވެށީގެ މަތީ މިންގަނޑުތައް ބައިނަލްގުވާމީ ބާޒާރުތަކުން ބަލައިގަނެ، އެކަމަށް އެކަށީގެންވާ އަގު ދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން އަލިއަޅުވާލި މި ޕެނަލްގައި ދުނިޔޭގެ ފެންވަރުގެ އިތުރު މާހިރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ:
ލޯ-ކާބަން ސަޕްލައި ޗެއިން: އޭ.ޕީ މޮލަރ-މާސްކްގެ ފިޝް އެންޑް ސީފުޑް ވާޓިކަލް ޑިރެކްޓަރ ތުއޭ ބާފޮޑް ވަނީ ކާބަން ބޭރުކުރުން މަދުކޮށް، ލޮޖިސްޓިކްސްއާއި މެރިޓައިމް އީޖާދުތަކުގެ މުހިންމު ދައުރާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
ޕެސިފިކްގެ ތަރައްޤީ: ޕެސިފިކް އައިލެންޑްސް ފޯރަމް ފިޝަރީޒް އޭޖެންސީ (އެފްއެފްއޭ) ގެ އެޑްވައިޒަރ ފްރެންކްލިން ފޮރައު ވަނީ "އީސްޓް ނިއު ބްރިޓަން އިނިޝިއޭޓިވް" މެދުވެރިކޮށް ސަރަހައްދީ ގުޅުން ބަދަހިކޮށް، ޕެސިފިކްގެ ވެލިއު ޗެއިން ފުޅާކުރާނެ ގޮތްތައް ހުށަހަޅުއްވާފައެވެ.
މަހުގެ އެއްވެސް ބައެއް ބޭކާރު ނުކުރުން: އިންޑޮނޭޝިއާ ޓޫނާ ކޮންސޯޓިއަމްގެ ޕްރޮގްރާމް ލީޑް ތިލްމާ ކޮމާލިންގ ވަނީ ސާކިއުލަރ އިކޮނޮމީ މޮޑެލްތަކުގެ އެހީގައި މަހުގެ ބޭނުން 100 ޕަސެންޓް ހިފުމަށް އިންޑޮނޭޝިއާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
އުކާލެވޭ ބައިތަކުން އަގު އުފެއްދުން: ޖަޕާނުގެ ޝީނޯ ފުޑްސްގެ ގްލޯބަލް ޑިވިޜަން މެނޭޖަރ ސްކޮޓް މޯލްޓްބީ ވަނީ މަސް ޕްރޮސެސްކުރުމުގައި އުކާލެވޭ ބައިތަކުން ވިޔަފާރީގެ އިތުރު ފައިދާ ނެރެވޭނެ އީޖާދީ ގޮތްތައް ބަޔާންކޮށްދެއްވާފައެވެ.
މި ސެޝަން ނިންމާލާފައިވަނީ ސުވާލާއި ޖަވާބުގެ ދަންފަޅިއަކަށްފަހު، ކޮންފަރެންސްގެ ޗެއަރޕާސަންގެ ނިންމުމުގެ ޚުލާސާ ބަސްކޮޅުންނެވެ.
މި ކޮންފަރެންސާ ގުޅޭގޮތުން މިފްކޯއިން ބުނީ، "ސްޓްރެންގްތެނިންގ ވެލިއު ޗެއިން ސިނާޖީސް، ބްލޫ އިކޮނޮމީ އެންޑް ސަސްޓެއިނަބިލިޓީ އެކްރޮސް ދަ ގްލޯބަލް ޓޫނާ އިންޑަސްޓްރީ" ގެ ޝިއާރުގެ ދަށުން ސެޕްޓެމްބަރު 14 އިން 16 އަށް ކުރިއަށްދާ ޓޫނާ 2026 ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި ފަޚުރުވެރިކަމާއެކު އެ ކުންފުނިން ބައިވެރިވަމުން އަންނަ ކަމަށެވެ. އަދި މި ސެޝަނުގައި އާތިފް ދެއްވި ތަގުރީރަކީ ދިވެހިންގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމާ ގުޅިފައިވާ ފުން ތާރީޚާއި، ޘަޤާފަތާއި، އަދި ގައުމީ އައިޑެންޓިޓީ ފާހަގަކޮށްދިން ހުށަހެޅުމެއް ކަމަށާއި، މި ސަގާފީ އުސޫލުތަކަކީ ޒަމާނީ ބްލޫ އިކޮނޮމީގެ އެންމެ މަތީ މިންގަނޑުކަން މުޅި ދުނިޔެއަށް ސާބިތުކޮށްދިން ކަމެއް ކަމަށްވެސް މިފްކޯއިން ފާހަގަކުރިއެވެ.