ނ. މަނަދޫގައި ގާއިމުކުރަމުން އަންނަ މޮޑިއުލާ ފިއުލް ސްޓޭޝަން (ތެޔޮ ޝެޑް) ގެ އަމަލީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަމަށް ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް) އިން ބުނެފިއެވެ.
މިހާރު މަސައްކަތް ކުރިޔަށްދާ ސްޕީޑަށް ބަލާނަމަ ކުރިއަށް އޮތް 5 ދުވަހާއި 10 ދުވަހުގެ ތެރޭގައި ޝެޑް ނިންމައި، އެތަނުން ހިދުމަތް ދޭން ފެށޭނެއެވެ.
މި ފެސިލިޓީގެ މަސައްކަތް ނިމި ހިދުމަތް ފެށުމާއެކު، މަނަދޫގެ ރައްޔިތުންނަށާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން މަސްވެރިންނަށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ތެޔޮ ލިބިގެންދާނެ އެވެ.
މިއީ މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި ސިޔާސަތުގެ ދަށުން ގިނަ އަތޮޅުތަކެއްގައި މިހާރު ތެޔޮ ޝެޑުތައް ގާއިމުކޮށްފައިވާއިރު، މި ހިދުމަތް އަދި ނުފެށި ވަނީ ތ. އަތޮޅާއި ލ. އަތޮޅުގައި އެކަންޏެވެ.
މަނަދޫ ޝެޑު ހުޅުވައި ޚިދުމަތްދޭން ފެށުމުން މަނަދޫއާއި އެ ސަރަހައްދުގެ މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ޑީސަލް ލިބި، މަސްވެރިކަމުގެ އޮޕަރޭޝަންތަކަށް ހިނގާ ހަރަދު ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.