ތ. ކަނޑޫދޫގައި މެރިކަލްޗަރ ފުޅާކޮށް، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާ އެރަށު ކައުންސިލާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި، އެ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ އަޝްރަޤާއި ކަނޑޫދޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުން ޗެއާކުރެއްވީ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފާއި ސްޓޭޓް މިނިސްޓަރު މުއްޠަލިބެވެ. މީގެއިތުރުން ވުޒާރާގެ އިސް ވެރިންތަކެއްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަނޑޫދޫގައި މެރިކަލްޗަރ ކުރިއެރުވުމަށް ހުރި ފުރުސަތުތަކާއި، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށެވެ. މީގެ އިތުރުން، ކަނޑޫދޫގެ ދަނޑުވެރިންނަށް މިވަގުތު ދިމާވަމުންދާ ދަތިތަކާއި ކަންބޮޑުވުންތައް ކައުންސިލުގެ ފަރާތުން މިނިސްޓްރީއާ ވަނީ ހިއްސާކޮށްފައެވެ.
ރާއްޖޭގެ މަސްވެރިންނާއި ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ވުޒާރާގެ ފަރާތުން ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި މެރިކަލްޗަރާއި ދަނޑުވެރިކަމުގެ ދާއިރާއިން ރައްޔިތުންނަށް ހުޅުވިފައިވާ އައު ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވެސް މި ބައްދަލުވުމުގައި މިނިސްޓްރީން ވަނީ ހިއްސާކޮށްފައެެވެ.