ރ. އިނގުރައިދޫގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން، މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އެ ރަށު ކައުންސިލާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ އިނގުރައިދޫގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށާއި، ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އެހީތެރިވެދެވޭނެ ދާއިރާތަކާ ގުޅޭގޮތުންނެވެ. އެގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ޒުވާނުން ޝައުޤުވެރިކުރުވުމަށްޓަކައި ކައުންސިލާއި ވުޒާރާ ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެއިތުރުން، މި ދާއިރާތަކުން ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން، ދަނޑުވެރިންގެ ދަފްތަރާއި، "އާރުވެރި މެޗިންގ ގްރާންޓް" އަދި ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ފުރުޞަތުތަކުގެ ތަފްޞީލު ވަޒީރު ކައުންސިލަށް އެރުވިއެވެ.
އަދި ކައުންސިލުން އެދިއްޖެ ހާލަތެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް އޮންލައިންކޮށް ނުވަތަ ރަށަށް ޒިޔާރަތްކޮށްގެން ކުރިއަށްގެންގޮސްދިނުމަށް ތައްޔާރަށް އޮތްކަންވެސް ވުޒާރާގެ ފަރާތުން ވަނީ ހާމަކުރައްވާފައެވެ.